ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ސަރުކާރުގައި ވަޒީފާގެ އައު ދޮރުތަކެއް ހުޅިވިގެންދާނެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާއި އާއިލާގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އާމްންދަނީއެއް ހޯދުމުގެ މަގު ފަހިވެފައި އޮތުމަކީ ކޮންމެ މުޖުތަމައެއްގައިވެސް ކަށަވަރުވެފައިއޮތުން މުހިންމު ކަމެކެވެ. ހާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ މާކެޓުގައި ތަކެތީގެ އަގުތައް އުފުލިގެންދާއިރު، ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ދިރިއުޅުމުގެ ހަރަދުތައް ކުރެވޭނެ މިންވަރެއްގެ އާމްދަނީއެއް ލިބޭނެ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރުމަށް ފުރުސަތު އޮތް މީހެއްކަން ޔަގީންވެފައި އޮތުން މުހިންމެވެ. އެހެންކަމުން ރާއްޖޭގެ އައު ރައީސަކު އިންތިހާބުވުމާއިއެކު އެކަށީގެންވާ އާމްދަނީއެއް ލިބޭ ވަޒީފާއެއް ލިބުމުގައި ކުރިމަތިވެފައިވާ ދައްޗަށް ހައްލެއް ގެނައުމަށް ރާވާފައިވާކަންކަން ދެނެގަތުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް މަސްލަހަތު ހިމެނޭ ކަމެކެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރޭގައި ވަޒީފާއެއް ބޭނުންވާ ކޮންމެ ރައްޔިތަކަށްވެސް އެ މީހެއްގެ ތައުލީމާއި ތަޖުރިބާ އަދި ހުނަރާއި އެކަށީގެންވާ ފަދަ ވަޒީފާތައް ލިބިގެންދާނެކަން ކަށަވަރުކުރުން ހިމެނެއެވެ. އެމަނިކުފާނު މި މަސައްކަތްތައް ކުރެއްވުމަށް ރާއްވަވާފައިވަނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައިކަމަށްވާއިރު، އެއާއިއެކު ރާއްޖެގައި އިހުތިޔާރެއް ނެތް ގޮތުގައި ވަޒީފާއެއް ނެތި އުޅެންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަކީވެސް އެމަނިކުފާނުގެ އަމާޒެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލައިފި ނަމަ، ބިދޭސީ މުއައްޒިފުން ގިނަ އަދަދެއްގެ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ. އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުން ބޮޑު ހިއްސާއެއް ދިވެހިންނަށް ގެއްލިގެންދެއެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކުދި އަދި މެދު ފަންދީގެ ވިޔަފާރިތައް ފެށުމުގެ ގޮތުން ރަހުނަކާއި ނުލައި ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުމަށް ޕީއެންސީގެ ސަރުކާރުންވަނީ އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައެވެ.

ދިވެހިރާއްޖޭގެ ޒުވާނުން ވަޒީފާއާއި މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ ގޮތުންވެސް އިންތިހާބީ ސަރުކާރުން ބައެއް ވިސްނުންތައް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެގޮތުން ހެއަރ އެންޑް ބިއުޓީގެ ހިދުމަތް ދިނުމާއި، ރިސޯޓު މިއުޒިކު ކުޅުމުގެ މަސައްކަތްތަކުގެ އިތުރުން ރިސޯޓުތަކުގައި ހައުސް ކީޕިންގްއާއި ފްރަންޓް އޮފީސް ފަދަ އެތައް ދާއިރާއެއް ދިވެހިންނަށް ހާއްސަ ދާއިރާތަކުގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ވައުދުވެފައިވެއެވެ. ޑރ މުއިއްޒުގެ ސަރުކާރުން ޒުވާނުންގެ ޝައުގުވެރިކަން ވަޒީފާގެ މާހައުލަށް ޖެއްސުމުގެ ގޮތުން ގެންގުޅުއްވާ ވިސްނުންތަކުގެ ތެރޭގައި ސިވިލް ސާވިސް މުސާރައިގެ އޮނިޑަނޑަށް ބޮޑެތި އިސްލާހުތައް ގެނެސް ޒުވާން ތައުލީމީ މުއައްޒަފުންގެ މުސާރަތައް ދެގުނައާއި ހަމައަށް އިތުރުކުރުން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ގަވައިދާއި ހިލާފަށް މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން ދިރިއުޅޭކަމަށްވުމުން، އެކަމުގެ ނޭދެވޭ އަސަރުތައް ވަޒީފާގެ ބާޒާރަށް ކުރެއެވެ. އެހެންކަމުން ޕީއެންސީގެ ސަރުކާރެއްގައި ގަވައިދާއި ހިލާފަށް އުޅޭ މީހުންގެ އަދަދުތައް ދެ ބައި ކުޅަ އެއް ބަޔަށް މަދުކުރާނެކަމަށާއި އެކަމުގެ ސަބަބުންވެސް ދިވެހި ޒުވާނުންނަށް ވަޒީފާ ލިބުމުގައި ކުރިމަތިވެފައިވާ ދަދިތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަޒީފާގެ މާހައުލުގައި އަންހެނުންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގެ ގޮތުންވެސް ބައެއް ވިސްނުންތައް ހިމަނާފައިވެއެވެ. އެގޮތުން ރާއްޖޭގެ ސިވިލް ސާރވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުމަކީވެސް ޕީއެންސީގެ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށްވާއިރު އެއާރޕޯޓް މެނޭޖްމަންޓް، ރޫޓް ޑިވޮލޮޕްމެންޓް، އޮޑިޓިންގ އަދި އެކައުންޓިންގ، ލޮޖިސްޓިކްސް، ދަތުރުފަތުރާއި ވިޔަފާރި، ޕްރޮޕަޓީ އަދި އެސްޓޭޓް މެނޭޖްމެންޓް ފަދަ ދާއިރާތަކުން ދިވެހިނަށް ކުރިއަށް ދިއުމުގައި ފުރުސަތުތައް ފުޅާކޮށްދިނުމަކީވެސް ޑރ މުއިއްޒުގެ ސަރުކާރުގެ ވިސްނުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: