ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ޒުވާނުންނަށް ފާގަތި ކަމާއި ކުރިއެރުން ގެނެސްދެއްވާނެ

ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މެނިފެސްޓޯގައި ގިނަ ދާއިރާ ތަކަކަށް އިސްކަމެއް ދެއްވައިފައިވާއިރު އޭގެތެރެއިން ޒުވާނުންނަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ދާއިރާއެކެވެ. އެގޮތުން ޒުވާނުން ކުރިއެރުވުމަށްށާއި އަދި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް މެނިފެސްޓޯގައި ކަންކަން އެކުލަވާލައިފައިވެއެވެ.

މެނިފެސްޓޯގައި އެކުލަވާލައިފައިވާ ކަންކަމަށް ބަލާއިރު އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަގޮތުގައި ކުރެވޭނެ ގޮތް ހަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ހުޅުވައިދިނުމުގެގޮތުން ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުން ފަދަ ކަންކަން ހިމެނެއެވެ.

ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް ’ދިވެހިންނަށް ޚާއްޞަ‘ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވާނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.

ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު ފުޅާކުރުމާއި ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، އެދާއިރާގެ ފަންނާނުންނަށް ޙާއްޞަކޮށްގެން، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރައްވާނެ ކަމަށް ވެއެވެ.

ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދުމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު، ސައިކޮލަޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ އިތުރުކަން ކަމަށް ބަލާއިރު ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރެއްވުމާއި، ނިމެމުންމިދާ ރިޔާސީ ދައުރުގައި ވެފައިވާ ރިޔާސީ ވައުދާއި ޚިލާފަށް ރައްޔިތުންގެ އުޅަނދުފަހަރުގައި ޕާކިންގ ސްޓިކަރ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދެއްވާނެ ކަމަށް ވެއެވެ.

މާތްވެގެންވާ އިސްލާމްދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާޢްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމަނާނެ ކަމަށް ވެއެވެ.

ކައުންސެލިންގ، ސޯޝަލް ތެރަޕީ، ހިލޭ ސާބަހަށް މަސައްކަތްކުރުން އަދި ސޯޝިއޮލޮޖީގެ ފަންނުތައް ފަދަ ޤައުމީ ތަރައްޤީއަށް މުހިންމު އިޖްތިމާއީ ދާއިރާތައް ދެނެގަނެ، އާ ޖީލުތަކުގެ ޒުވާނުން އެދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއެޅުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރައްވާނެ ކަމަށްވެސް މަނިފެސްޓޯގައި ވެއެވެ.

ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ އާ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަޞީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރައްވާނެ ކަމަށް ވާއިރު ގޫގުލް، މައިކްރޯސޮފްޓް، އެމޭޒަން، އައި.ބީ.އެމް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ފޮރެކްސް ޓްރޭޑިންގް އާއި ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދެއްވާނެކަމަށް ވެސް މެނިފެސްޓޯގައި އެކުލަވާލައިފައި ވެއެވެ.

ޞިއްޙީ ދާއިރާގެ ސިޔާސަތުތަކުގެ ތެރެއިން ދަރިމައިވުމުގެ ޞިއްޙަތާއި ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ޚާއްޞަ ކްލިނިކްތަކެއް ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން ހިމެނެއެވެ. އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމަނާނެ ކަމަށާއި ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ރޫޙު ޒުވާން ޖީލުތަކުގައި އަށަގަންނަވާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ.

ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރެއްވުމާއި، ކޮޕީރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުމާއި، ތިން މަސް ދުވަހުގެ ސިފައިންގެ ކެޑޭޓް ތަމްރީން ޕްރޮގްރާމްތަކެއް، ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލެވިގެން، މެދުނުކެނޑި ކުރިއަށް ގެންގޮސް، ރިވެތި އަދި ހަރުދަނާ އިޖްތިމާއި އާދަތަކަކާއި ދިރިއުޅުމަށް މުހިންމު އިތުރު ހުނަރުތައް ލިބިފައިވާ މުރާލި، އަޚްލާޤް ރަނގަޅު އަދި ދުޅަހެޔޮ ޒުވާން ޖީލުތަކެއް ބިނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢުލީމު ޙާޞިލުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުމާއި ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުކަށްޓަކައި، ޚާއްޞަ އިންސެންޓިވްސް ސްކީމެއް ތަޢާރަފުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރައްވާނެ ކަމަށާއި އަދި ޒުވާނުން އިސްކަންދޭ ވަކިވަކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފާ އެރުވުމަށް އަދި އެ ކަންކަމާ ގުޅިގެން ޒުވާނުންގެ ޚިޔާލު ހޯދާ، ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ޒުވާނުންގެ އުންމީދުތައް ހިމެނުމަށްޓަކައި އެކުލަވާލެވޭ ”ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރސް“ ގެ ގިންތިއެއް ތަޢާރަފުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހީންނަށް ލިބެމުންދާ ގެއްލުންތައް ދިރާސާކޮށް، ދެނެގަނެ، ބައިނަލްއަޤްވާމީ މުޖްތަމައުގައި އެކަމާމެދު އަޑުއުފުލުމަށް އިތުރު ހިތްވަރެއްގެގޮތުގައި، ދިވެހި ޒުވާނުން މިދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ހޯދައިދެއްވާނެ ކަމަށްވެސް މެނިފެސްޓޯގައި ވެއެވެ.

މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމައުގައި ޤާނޫނަށް ބޯލަބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމުކުރައްވާނެ ކަމަށާއި ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަކުދިންނާއި ޒުވާނުން މުޖުތަމައުއަށް އަބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލުހުކުމްތަކާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖްތިމާއީ ޚިދުމަތުގެ ޚާއްޞަ ވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް ޤާއިމުކުރައްވާނެ ކަމަށްވެސް މެނިފެސްޓޯގައި ވެއެވެ.

ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޙާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސާނެ ކަމަށާއި ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ޢާއިލާތަކަށް ޙާއްޞަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފުކުރައްވާނެ ކަމަށްވެސް ވެއެވެ.

ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާރސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކުރުމާއި ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރައްވާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ.

މީގެއިތުރުން އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައަށްވުރެ އިތުރުނުވާ އިންޓްރެސްޓް ރޭޓެއްގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަކީ މެނިފެސްޓޯގެ ޒުވާނުންގެ ބައިގައި ހިމަނާފައިވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: