ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ދެ މެމްބަރެއްގެ ނަން މިރޭ ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ފަރާތުން އެ މަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އެމަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަމެވެ.
އަސްލަމްގެ ނަން މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީއެވެ. އަސްލަމް މަޖިލިހުގެ ރައީސް ކަމަށް ގެންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް ވަނީ މިރޭ ނިންމާފައިވެއެވެ.
އާޒިމްގެ ނަން މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަހުމަދު ޒާހިރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރެއްވުމަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށްޓަކައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ ލިސްޓެއް ހުށައަޅުއްވާފައެވެ. އެ ކޮމިޓީގައި ތިއްބަވާ މެމްބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމާއި، މައްޗަންގޯޅި އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ރަޝީދާއި، ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އާއި ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމެވެ.
މަޖިލީހުގެ ރިޔާސަތުން އަންގާފައިވަނީ އެ ކޮމިޓީގައި މަޖިލީހުގެ ތަޅުމަށް ވަޑައިގެން ތިއްބެވި ހުރިހާ ޕާޓީއަކުން ވެސް މެންބަރަކުން އިންނަން ވާނެ ކަމަށެވެ. އެހެންކަމުން ކޮމިޓީ އެކުލަވާކުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވީ ކޮމިޓީ އަށް ރުހުން ދޭން ފެންނަ ކަމަށެވެ. އަދި މި ކޮމިޓީއާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 10 މެމްބަރުންނެވެ.
މަޖިލިހުގެ ރައީސަކު އިންތިހާބު ކުރުމަށް ހަމަޖެހިފައި ވަނީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

