ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ، އަދި މާލިއްޔަތުގެ ސިޔާސަތު!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އަށް ފަހު ރާއްޖޭގެ އިޤްތިޞާދު އިޔާދަވާން ފަށާފައިވާއިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ބޭރުގެ ފައިސާ ލިބުމަށް ދިމާވާ ދަތިތައް ފާހަގަކޮށްލެވެއެވެ. ޕީޕީއެމް ޕީއެންސީގެ ދިވެހީންގެ ރާއްޖޭގެ މެނިފެސްޓޯގައި ހިމެނޭ އިޤްތިޞާދާއި މާލިއްޔަތުގެ ބަޔަށް ބަލާއިރު، ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތަކަށް ބަލާއިރު، ޑޮލަރުގެ ދަތިކަން ޙައްލުކޮށް، ޑޮލަރުގެ ކަޅު ބާޒާރު ކުޑަކޮށް، ޑޮލަރުގެ އަގު ދައުލަތުން ކަޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް އަލުން ފައްތާ، އެ މިންގަނޑުގައި ހިފެހެއްޓުމަށް ވަނީ ވައުދުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކޮށް، އެ ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމާއި، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވައްދައި، އެފައިސާ އިޤްތިޞާދުގައި އެކަށީގެންވާވަރަށް ދައުރުކުރުމުން މެނުވީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ގަނޑުކޮށް ރާއްޖެއިން ބޭރަށް ނުގެންދިއުމަށް ބާރު އެޅޭގޮތަށް ޤާނޫނުތަކާއި ސިޔާސަތުތައް އިޞްލާޙުކުރުން ހިމެނެއެވެ.

ދައުލަތުގެ ކުންފުނިތައް ހިންގުން ޒިންމާދާރު، ޤާބިލު ސިޔާސަތުތަކެއް ތެރެއަށް އަނބުރާ ގެނައުމާއެކު، އެތަންތަނަކީ ޤައުމުގެ ދަރަނީގެ ސަބަބަކަށް ވުމުގެ ބަދަލުގައި އަރަނީގެ އަސްލަކަށް ބަދަލުކުރުމާއި، ފަތުރުވެރިނަށް ލުއިފަސޭހަވާނެ ފަދަ އިތުރު ޚިދުމަތްތަކެއްގެ ތެރެއިން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ދައުލަތުގެ މާލިއްޔަތަށް އިތުރު އާމްދަނީ ވަންނާނެ ކަންކަން ފާހަގަކޮށް، ތަންފީޒުކުރުމަށް ޑރ.މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ޙަޤީޤީ ފައިދާ ލިބޭނެ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުގައި ޕެންޝަން ފަންޑުގެ މާލިއްޔަތު އިންވެސްޓްކޮށްގެން އިތުރު ފައިދާ ހޯދުމާއި، ވިތްހޯލްޑިންގ ޓެކްސްގެ ނިޒާމު ފުރިހަމައަށް ތަންފީޒުކޮށް، ދިވެހި ވިޔަފާރިތަކަށް ލިބެންޖެހޭ ޚާއްޞަ އަހަންމިއްޔަތާއި ސަލާމަތް ޔަޤީންކޮށްދިނުމާއި، ކެޕިޓަލް މާކެޓް ތަރައްޤީކޮށް، ފުޅާކުރުން ހިމެނެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި، ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމަށްޓަކައި، ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ހުރެގެން ނެގޭ ފައިސާ އަދި ދުވާލަކަށް ކުރެވޭ މުއާމަލާތު ފުޅާކުރުން. އަދި އެކައުންޓުން ބޭރު ފައިސާ ދުވާލަކު އަދި ކޮންމެ މަހަކު ނެގޭ މިންވަރު އިތުރުކުރުމާއި، މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުން ހިމެނެއެވެ.

ކޮންސްޓްރަކްޝަނަށް ބޭނުންވާ މުހިންމު ސާމާނު، ގިނަ އަދަދުތަކަށް އެއްފަހަރާ ހޯދާ، ރާއްޖެ ގެނެސް، ގުދަންކުރެވޭނެ އިންތިޒާމެއްގެ ތެރެއިން، އެތަކެތީގެ އަގުތައް ތިރިކުރުމާއި، އެއްވެސް އެއް ސަޕްލަޔަރަކަށް ބަރޯސާވާން ނުޖެހޭނެގޮތަށް ސިނާއަތު ބައްޓަންކުރުމާއި، ކުރު ރާސްތާއަށް އަދި ދިގުމުއްދަތަށް ދަރަނީގެ މިންގަނޑު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް އަދި ޤައުމީ އިޤްތިޞާދާއި މާލިއްޔަތަށް ބުރޫ ނާރާނެފަދަ މިންވަރެއްގައި ބެހެއްޓުމުގެ ހަރުދަނާ ސިޔާސަތެއް، ހާމަކަންބޮޑު ގޮތެއްގައި އެކަށައަޅާ، އިޢުލާނުކޮށް، އެ މިންގަނޑު ހިފެހެއްޓުން މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މީގެ އިތުރުންވެސް އާމްދަނީ ލިބޭނެ އިތުރު، ހަރުދަނާ މަގުތަކެއް ކޮށުމާއެކު، ރޭވުންތެރި ސިޔާސަތުތަކެއްގެ ތެރެއިން ޤައުމީ ދަރަނީގެ މިންވަރު، ކުރު ރާސްތާގައި އަދި ދިގުމުއްދަތުގައި، ކުޑަކުރަމުން ގެންދިއުމާއި، ބަޖެޓް ޑެފިސިޓް މިހާރުގެ މިންގަނޑުތަކަށްވުރެ ކުޑަކުރުމުގެ ނިޔަތުގައި، ޒަމާނީ ބަޖެޓަރީ ނިޒާމަކަށް ރާއްޖޭގެ މާލީ އުޞޫލުތައް އިޞްލާޙުކުރުމާއި، ފިސްކަލް ޕޮލިސީ ޤާނޫނެއް އެކުލަވާލާ، އަންނަ ކޮންމެ ސަރުކާރަކުން ޣައިރު ޒިންމާދާރު ގޮތްގޮތަށް ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދުގެ ނަހަމަ ބޭނުންކުރެވޭނެ މިންވަރު ބޮޑުތަނުން ކުޑަކުރުން ހިމެނެއެވެ.

ދައުލަތުގެ މިލްކިއްޔާތުތައް ޒިންމާދާރު ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، އެސެޓް މެނޭޖްމަންޓް ކުންފުންޏެއް ޤާއިމުކުރުމާއި، ރާއްޖޭގައި، ފުރަތަމަ ފަހަރަށް، ކްރެޑިޓް ސްކޯރިންގ ނިޒާމެއް ޑރ.މުއިއްޒުގެ ވެރިކަމުގައި ޤާއިމްކުރުމަށް މެނިފެސްޓޯފައި ހިމަނާފައިވާއިރު، ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުގައި ޕެޓްރޯލާއި ޑީސަލް އާންމު ރައްޔިތުންނަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ތަރައްޤީގެ މުހިންމު ޤައުމުތަކާއެކު އިންވެސްޓްމަންޓް ޕްރޮޓެކްޝަން، ފްރީ ޓްރޭޑް އަދި އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އެއްބަސްވުންތަކުގައި ސޮއިކުރުމާއި، ވިޔަފާރި އާއި އިޤްތިޞާދު، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތައް، ބޭންކިންގ އެންޑް ކޮމަރސް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތައް ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށްޓަކައި “އެނުއަލް ގްލޯބަލް އިންވެސްޓްމަންޓް ޕްރޮމޯޝަން ޓުއަރ” އެއް ތަޢާރަފުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: