ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކޮންމެ ކެންޑިޑޭޓަކުވެސް އެންމެ ހާއްސަ އިސްކަމެއް ދެއްވައިގެން ވައުދުވެވަޑައިގެންނެވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ގައުމުގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ހޯދައިދިނުމަށެވެ. އެގޮތުން އިންތިހާބު ކާމިިޔާބު ކުރައްވާ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގެން ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވެސް މި މައްސަލަ ހައްލު ކުރުމަށް ގިނަ ވައުދުތަކެއްވެވަޑައިގެންފައިވެއެވެ.
ޑރ މުއިއްޒަކީ ރާއްޖޭގެ ހައުސިން މިނިސްޓަރުކަން 7 އަހަރު ދުވަހު ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން މި ޗެޕްޓަރުގެ ދަށުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވަނީ އެކަންތައްތައް ފުރިހަމަވެއްޖެނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަންތައްތަކެކެވެ.
އެގޮތުން ބޯހިޔާވަހިކަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދިނުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ހޯދުމަށްޓަކައި ޑރ މުއިއްޒުގެ އެންމެ މުހިންމު ވައުދެވެ. ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ބޯހިޔާވަހިކަން ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ފުދުންތެރިކަންކަމަށްވާއިރު، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ހޯމް ސްޓާޓަރ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަކީ ޑރ މުއިއްޒުގެ ވައުދެކެވެ. ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުންވެސް ހިމެނެއެވެ.
ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތީ ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯދި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުންވެއެވެ. އަދި، ޕީޕިއެމް/ޕީއެންސީގެ ސަރުކާރެއްގައި ދޫކުރާ އެންމެހާ ގޯތިތަކުގައިވެސް މިސްކީމްގެ ދަށުން ގެެޔެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ހޯމް ކޮމްޕްލީޝަން ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުންވެސް މިއީ ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. ޑރ މުއިއްޒުގެ ވެރިކަމުގައިގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރާނެއެވެ.
ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކޮށް، ބިނާކުރި ހިޔާ ފްލެޓުތަކާއި ގުޅިގެން ކުރެވޭ ޝަކުވާތަކަށް ހައްލު ހޯދައިދެއްވުމަށްޓަކައިވެސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހާއްސަކޮށްފައިވާ ކަންތައްތަކެއް އެބަހުރިއެވެ. އެގޮތުން 2018 ގައި ސާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ ޢަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަސްރޫއުގެ ތެރެއިން ފްލެޓް ދިނުން ހިމެނެއެވެ.
ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގައި ހުރި ދަތިތައް ކުޑަކުރުމަށްޓަކައި ޑރ މުއިއްޒު ވަނީއަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުމަށް ވައުދުވެވަޑައިގެންފައެވެ. އަދި މި ދާއިރާގެ ޓެކްނިކަލް އެހީ ދިނުމާއި، އެކަމަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދީގެން، މިހާރު ހުރި ގެދޮރުތަކުގެ ފެންވަރާއި ސަލާމަތީ ވަސީލަތްތައް ރަނގަޅުކުރުމަށްވެސް ވައުދުވެވަޑައިގެންފައިވެއެވެ.
މީހުން ދިރިއުޅޭ ތަންތަނަކީ ރައްކާތތެރި ތަންތަންކަން ކަށަވަރުކުރުމުގެ ގޮތުން ކުއްޔަށްދޭ ހުރިހާ ގެދޮރެއްގައިވެސް ކަނޑައެޅިފައިވާ ސަލާމަތީ ވަޞީލަތްތަކާއި، ދުވާލުގެ އަލިކަން ލިބޭ މިންވަރާ، ވައި ދައުރުކުރާނެ ގޮތްތައް ހުރިތޯއާ، ގެދޮރުގައި ދިރިއުޅޭ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ހުރިތޯ ޔަޤީންކުރުމަކީވެސް ޑރ މުއިއްޒުގެ ވައުދެކެވެ. އަދި މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި:
- ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން.
- އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.
- އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން.
- އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.
- އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.
- ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން.
- މާލޭގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން.
- މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުން.
- ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އުތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރުން.
- ނިމެމުންމިދާ ސަރުކާރުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއް އުނި ކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް، އެތަނަކުން އެމިންގަނޑަށް ލިބޭނެކަން ޔަޤީންކުރުން.
- މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުން.
- މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުން.
- މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތްކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ ޢުޞޫލުން ގްރޭޓަރ މާލޭ ސަަޙައްދުގެ އެހެން ހިސާބަކުން ގޯތިދިނުން.
- ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުން.
އާރބަނައިޒޭޝަންގެ ދަށުން ވެފައިވާ ވައުދުތަކަށް ބަލާއިރު:
މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި އަދި، ހުރިހާ ސިޓީއެއް ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ކުރުމުގައި، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުންވެސް ހިމެނެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ރަށެއްގައި އަސާސީ ޚިދްމަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، މަތީ ފަންތީގެ ޚިދްމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ޤާއިމުކުރުމާއި، މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން؛ ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރާނެއެވެ.
މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުމާއި މެދުމިނުގެ އިތުރު 7 އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުމާއި އަދި ފަސޭހަ، ރަނގަޅަށް ހިނގާ ހައުސިންގ މާކެޓެއް ޤާއިމުކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބުކުރުންވެސް ހިމެނެއެވެ.
ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓޭއް މާލޭގައި ޤާއިމުކުރުމާއި، މާލޭ ސިޓީގެ އެކި ސަރަޙާއްދުތަކުގައި ޕާކީންގ ބިލްޑިންގ އަޅައި، ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަމަށް ބޮޑު ޙައްލެއް ހޯދައިދިނުމަށާއި، މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ޒަމާނީ ފެންވަރުގެ ޑީވޯޓަރިންގ ނިޒާމެއް، ދިރާސާގެ އަލީގައި ސިޓީގެ މުހިންމު ހިސާބުތަކުގައި ޤާއިމުކުރުމަށް އަދި ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ޤާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތްފަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ ”ލޭންޑް ރީއެޖެސްޓްމަންޓް“ ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންގުމަށްވެސް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުމާއި، މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން އަދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް، އާރބަންކޯއިން އެކަމަށް ބޭނުންކުރަމުންގެންދާ ބަޖެޓާއި ވަޞީލަތްތަކާއެކު ބަދަލުކުރުން އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރުވެސް ލިބެމުންދާ މުސާރައިގައިކަން ކަށަވަރުކުރުމަކީވެސް ޑރ މުއިއްޒުގެ ވައުދެކެވެ.
ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކަޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ޚިދްމަތް އިތުރަށް ފުޅާކުރުންވެސް މިއީ ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާކެމެކެވެ.

