ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުންގެ ގޮތުގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު އަދި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު އައްޔަން ކުރައްވައިފި އެވެ.
ޖަނާހު އައްޔަން ކުރެއްވީ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މަގާމަށެވެ. ހަލީލު އައްޔަން ކުރެއްވީ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މަގާމަށެވެ.
އެޑްވައިޒަރަކަށް އައްޔަން ކުރައްވައި މިރޭ ފަތްކޮޅު ހަވާލުކުރެއްވި، ޖަނާހު ވިޔަފާރި ފެއްޓެވީ އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑާ އެކު 1987 ގަ އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި ކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާހު އެވެ.
އެޑްވައިޒަރަކަށް އައްޔަން ކުރެއްވި މަންޓާ އެއާގެ ސީއީއޯ ހަލީލުއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޗެއާމަނަކަށް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެއަށް ފަހު އޭނާ އުޅުއްވާފައިވަނީ އަމިއްލަ ވިޔަފާރީގަ އެވެ.

