ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅިން ވެސް ގެންގުޅުއްވަމުން ދަނީ އަމިއްލަ ގަނޑުވަރު ބޮޑުކުރުމުގެ ވިސްނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ އައު ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރު ލޭބަލް ވެގެން އައީ ރައްޔިތުންނަށް ހިދުމަތްކުރަން އައި ސަރުކާރެއްގެ ގޮތުގައިކަމަށެވެ. އަދި ފުރަތަމަ ދުވަހު އިންޑިއާގެ ސިފައިންގެ ބަޑިއެއް ނެތް ވާހަކައިގެ އިތުރުން އުތުރުތިލަފަޅުގައި ސިފައިންނެއް ނެތްކަމަށް މިހާރު ހާމަކޮށްފައިވާކަމަށާއި އެހެން ނަމަވެސް ވެރިކަމަށް އައުމަށް ދެއްކީ އިންޑިއާގެ ސިފައިން ތިބި ވާހަކަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިފާއު ވިދާޅުވީ، ދެން ދެއްކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މަތިބަރުކަމުގެ ވާހަކަކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ މަތި ހެޔޮވަރަކަށް ވަރުގަދަ ކޮށްގެން ނޫނީ މި ސަރުކާރަށް ހިފަހައްޓާ ނުލެވޭނެކަން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ފެނިގޮސްފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުޅިންވެސް އައްޔަނުކުރީ މިނިސްޓަރުންކަމަށާއި ވިއްސަކަށް މިނިސްޓަރު ފެންވަރު ބޭފުޅުން އައްޔަނުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ ފަރާތުން މުޅިންވެސް ފެނިގެންދަނީ އަމިއްލަ ގަނޑުވަރު ބޮޑުކުރުމުގެ ވިސްނުންކަމަށާއި މުލިޔާގޭގެ ހައިބަތު ބޮޑުކުރުމަށް 16 މިލިއަންގެ ހަރަދެއް ހިނގާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުލިޔާގެއަށް މިނިސްޓަރަކާއި ލޯންޑްރީއަށްވެސް މިނިސްޓަރެއްގެ އިތުރުން ބަގީޗާއަށާއި ބަދިގެއަށްވެސް މިނިސްޓަރަކު އައްޔަނުކޮށްފައިވާކަމަށެވެ. އެހެންކަމުން ސަރުކާރުގެ މައްޗަށް ވާނެ ވަރާއިމެދު ވިސްނާވަޑައިގެންނެވުމަށް އޭނާ އެދިވަޑައިގަތެވެ.
ޝިފާއު ވިދާޅުވީ، މިނިސްޓަރުންގެ ފެންވަރުގައި ނޫންގޮތަށް މި ސަރުކާރުގެ މަގާމަކަށްވެސް ނާދެވޭކަމަށޭވެ. އޭނާ ވިދާޅުވީ، ކަސްޓަމަށްވެސް މީހަކު އައްޔަނުކުރެވެނީ މިނިސްޓަރު ފެންވަރުގައިކަމަށާއި އިމިގްރޭޝަންގެ އިސްވެރިއެއްގެ މަގާމަށްވެސް އައްޔަނުކުރީ މިނިސްޓަރު ފެންވަރު ބޭފުޅެއްކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް އޮފީހުގައި އެކަނިވެސް 15 އަށްވުރެ ގިނަ މިނިސްޓަރުން ތިބިކަމަށާއި މިނިސްޓަރުންގެ މުސާރައާއި ކާރުވެސްދޭންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކޮންމެ މިނިސްޓަރެއްގެ ގޭގައި ދިދައެއް ނަގާފައި ބެހެއްޓުމަށްވެސް މިލިއަނުން ހަރަދުކުރާނެކަމަށެވެ.
ޝިފާއު ވިދާޅުވީ، ސަރުކާރު ވެރިކަމަށް އައި ގިނަ ވައުދުތަކެއް ވިއްކައިގެންކަމަށާއި ހަރަދު ކުޑަ ސަރުކާރެއް ގާއިމުކުރުމަކީ އެގޮތުން ކުރާނެ ކަމަށް ބުނި އެއް މަސައްކަތްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދެއްކި ވާހަކައާއި ފެންނަ މަންޒަރާއި ދިމާނުވާކަމަށް ވިދާޅުވިއެވެ.

