ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓު ކޮމިޓީން އެކި ފަރާތްތަކަށް ފަޅު ރައްތަކާއި، ނަގުދު ފައިސާގެ ގޮތުގައި ބިލިއަން ރުފިޔާގެ ބަދަލު ދިންކަމަށް ހާމަވެއްޖެ އެވެ.
ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން ރައީސް ސޯލިހު އެކިފަހަރު މަތިން ވާހަކަ ދައްކަވާފައި ވެއެވެ. އެގްރީމަންޓުތަކެއް ބާތިލްކުރި ކުރުމާއި ދެކޮޅަށް ކުންފުނިތަކުން ކޯޓަށް މައްސަލަތައް އަބަދުވެސް ހުށަހަޅަ އެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދިން މައްސަލަތައް، މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައެވެ. އޭގެ ތެރޭގައި ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެތެރެއިން އެއްބައި މިދިޔަ ސަރުކާރުން ވަނީ ބިގަށް ދިނެވެ. މި ފައިސާ ދީފައި ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގަ އެވެ.
އަހަރުގެ ތެރޭގައި ބަޖެޓު ކުރާ މިންވަރަށް ވުރެ އިތުރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ ހާލަތްތަކުގައި އެބައި ނަގަނީ ބަޖެޓު ކޮންޓިންޖެންސީ ނުވަތަ ބަޖެޓުގެ އެހެން ދިމާތަކުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ގައެވެ.
ގެއްލުމުގެ ބަދަލު ހޯދަން ގިނަ މައްސަލަތައް ހުށަހަޅަނީ، މަޝްރޫއުތަކަށް ނުވަތަ ހިދުމަތް ދިނުމަށް އެ ކުންފުންޏަކާއި އެކު ވާ އެއްބަސްވުން އުވާލުމުން އެއީ އުސޫކާއި ހިލާފަށް ކުރި ކަމެއްގެ ގޮތުގައި ބުނެ އެވެ. އަދި ގިނަ ފަހަރަށް އެ މައްސަލަތައް ކޯޓަށް ދަނީ، އެއްބަސްވުން އުވާލާތާ އަހަރުތަކެއް ފަހުންނެވެ.
ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވެއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި, ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވިއިރު އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައިވަނީ ޤާނޫނީ ބާރެއް ލިބިގެން ނޫން ކަމަށާއި އެއީ ޤާނޫނާއި ހިލާފަށް ހިންގާފައިވާ ކަމެއްކަމަށް ބަންޑާރަ ނައިބު އުޝާމްވެސް ވިދާޅުވެފައިވެއެވެ.
އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް ރައީސް އިބްރާހީމްގެ ސަރުކާރުންވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ބިލިއަނާ ގާތަށް ފައިސާ ދީފައެވެ. ރައީސް އިބްރާހީމްގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައިވެސް މިގޮތަށް އެކި ފަރާތްތަކަށް އެންމެ ގިނަ އަދަދަކަށް ބަދަލުދިން ސަރުކާރެވެ.

