ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައިރު، އެމަނިކުފާނު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީ ގެނެސްދެއްވިކަމަށާއި އުންމީދަކީ އައު ސަރުކާރުން ވެސް އެ ބަދަލު ފެނުންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޒިޔާދު ވިދާޅުވީ އެމްޑީޕީއާއި ހިޔާލުތަފާތުވެ، ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ އާންމު ރައްޔިތެއް ވެސް ގަބޫލު ކުރާނެ އެއް ހަގީގަތަކީ ރައީސް ސޯލިހު ރާއްޖެއަށް ގެނެސްދިން ތަރައްގީ ކަމަށެވެ. އަސާސީ ހިދުމަތުން ފެށިގެން އައިސް، އުމްރާނީ ތަރައްގީގެ އެންމެ ގިނަ ޕްރޮޖެކްޓުތައް ހިންގީ މިދިޔަ ވެރިކަމުގައިކަމަށާއި އެ ވިސްނުން ކާމިޔާބުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ކުރިޔަށް ވަޑައިގަތުމުންކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ތަރައްގީ ގެނެސްދިން ވެރިއެއްކަމަށާއި، އުންމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހަމަ އެ ސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ. ބަޖެޓު ތަފްސީލު އައުމާއި އެކު ކުޑަ ރަށެއްގައި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަން ސާފުކޮށް ފެންނަން އޮންނަކަމަށާއި އެކަމާއި މެދު ސުވާލު ކުރާނެ މެމްބަރުންނެއް މިއަދު ނުތިބޭނެކަމަށް ޒިޔާދު ވިދާޅުވި އެވެ.
ތަރައްގީގެ އެންމެ މުހިންމު އަސާސަކީ ޒިޔާދު ވިދާޅުވީ، އެއް ހަމައެއްގައި މަސައްކަތް ކުރުމެވެ. އެއީ ބަނދަރު ހެދުން ނުވަތަ މަގު ހެދުމާއި ރަށުގެ އެހެން ބޮޑު ބިޔަ މަޝްރޫއުއެއް ނަމަވެސް ގެންގުޅެން ޖެހޭ ހަމަކަމުގައި ޒިޔާދު ވިދާޅުވި އެވެ.
ހަމަހަމަ ގޮތެއްގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، ހަމަހަމަ ގޮތެއްގައި ތަރައްގީ ގެނެވޭތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ.. އަޅުގަނޑު އުންމީދު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހަމަ އެ އުސޫލުން މަސައްކަތް ކުރައްވާނެކަމަށް.. ކޮން ޕާޓީއެއްގެ މެމްބަރެއްތޯ މާ މުހިންމެއް ނޫންތާ
ޒިޔާދު ވިދާޅުވީ ވިސްނުން ތަފާތުވި ނަމަވެސް، އެމްޑީޕީއަކީ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޒިޔާދު ވިދާޅުވީ އެމްޑީޕީއާއި، ޕީޕީއެމް/ޕީއެންސީގެ ތަފާތަކީ ވިސްނުމާއި ގެންގުޅޭ ސިޔާސަތުކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ރާއްޖޭގެ ތާރީހުގެ ވެސް އެންމެ ބޮޑު ބިޔަ ޕްރޮޖެކްޓަކީ މާލެ – ހުޅުމާލެ ގުޅުވާލި ބްރިޖު ކަމަށެވެ. އަދި އެއީ ގައުމަށް ލިބުނު ކުރިއެރުމެއްކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ އެ ވިސްނުމަށް ޝުކުރު އަދާކުރާކަމަށެވެ. އެކަމަކު ތަފާތަކީ އެ ޕްރޮޖެކްޓު ނިމުނު އިރު ވެސް ރާއްޖޭގެ އެއްވެސް ރަށަކަށް ހެޔޮ ބަދަލެއް އައިސްފައި ނެތުންކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ޒިޔާދު ވިދާޅުވީ ބޭނުންވާ ބަދަލަކީ އެއީ ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނަށް ހިތްފަސޭހަ، ދިރިއުޅުމެއް ލިބި ތަރައްގީ ލިބެން ޖެހޭކަމަށް ޒިޔާދު ވިދާޅުވި އެވެ.

