ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހޭދަވި މިންވަރު ރައްޔިޔުންނަށް މައުލޫމާތުތައް ސާފުވާނެހެން އާންމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރަސްމީ ދަތުރުފުޅުތަކަށް، ސަރުކާރުން ދާ ވަފުދުގެ ތަފްސީލުތައް އާންމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނިންމެވީ ކޮންމެ ދަތުރުފުޅެއް ވެސް ނިމޭތާ 15 ދުވަހުގެ ތެރޭގައި އެ ތަފްސީލުތައް ހާމަކުރުމަށް ކަމުގައި ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިދިޔަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުތަކާއި ގުޅޭގޮތުން ގިނަ ސުވާލުތައް އުފެދުނެވެ. އަދި ބައެއް ތަފްސީލުތައް ހާމަކުރުމަށް ދެކޮޅު ހެދުމާއި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނުނުގެ ދަށުން އެ އާންމު ކުރުމަށް އެންގި ނަމަވެސް ތަފްސީލުތައް ދޭން ދެކޮޅު ހެދިކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމާއި ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހިމެނެ އެވެ.

