ރާއްޖެއިން ތުރުކީވިލާތަށް ބޭރު ކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީވިލާތާއި، ކޮޕް ސަމިޓުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން މީޑިއަތަކާއި ބައްދަލު ކުރައްވައި ރަސްވަނީ މަޝްވަރާ ކުރެވުނު ދާއިރާތަކުގެ ތަފްސީލުތައް ދެއްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅޭ މުހިންމު އެއްބަސްވުންތަކެއް ވެވުނުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖެ – ތުރުކީ ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް މި އަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތުރުކީގައި ބޭއްވި މުހިންމު މަޝްވަރާތަކުގެ ތެރެއިން، ރާއްޖެއިން އެ ގައުމަށް ބޭރު ކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަ ކުރުމަށް އެއްބަސް ވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ޚާއްޞަކޮށް. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ މިއަދާ ހަމައަށް މި ދެ ޤައުމު ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވަލަށްވުރެ، ވޮލިއުމަށްވުރެ، އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާތަން. އެކަމަށް އަޅުގަނޑުމެން ތެރޭގައި އެއްބަސްވެވުނު
ރައީސްގެ ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އިގްތިސާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވިއެވެ.

