ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.
ލެފްޓިނެންޓް ޖެނެރަލް ރޭންކަކީ ސިފައިންގެ އެންމެ އިސް ދެވަނަ ރޭންކެވެ. ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ދެއްވައި މެޑަލް އަބްދުއްރަހީމަށް ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި އޭގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.
މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރާއި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަބްދުﷲ ޝަމާލް އެވެ.
އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބްރުއަރީ 1985 ގައެވެ. ސިފައިންގެ ހިދުމަތް އޭނާ ފެއްޓެވީ ’ސިގްނަލްސް‘ ޑިޕާޓްމަންޓުނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވި އިރު އެ ކޯހުން ވަނީ އެއްވަނަ ހާސިލްކުރައްވާފައެވެ.
އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ސިފައިންގެ ހިދުމަތުގައި އަބްދުއްރަހީމް ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެއެވެ.

