ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ހައްގަކީ އިތުރު ބަހުސެއް ނުކޮށް ލިބެންޖެހޭ ހައްގެއް: ނައިބު ރައީސް

ސްވިޒަރލެންޑްގެ ޖެނީވާގައި ”ހިއުމަން ރައިޓްސް 75“ ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި ވެސް އެންމެ ބޮޑަށް ބާރު އަޅާ ކަމަކީ ހަމަހަމަކަންކަމަށާއި ބައިބައިވުމަށް ފުރުސަތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސްވިޒަރލެންޑްގެ ޖެނީވާގައި ”ހިއުމަން ރައިޓްސް 75“ ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި

އިންސާނީ ހައްގުތައް ކުރިއަށް ނެރެ މިއަދާއި އަދި ކުރިމަގުގެ މައްސަލަތައް ހައްލު ކުރުމުގެ މައުޟޫއުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. ހުސެއިން ވިދާޅުވީ ސަރުކާރުން ތަރައްގީގެ ކަންކަމުގައި ގެންގުޅުއްވާ ވިސްނުމަކީ ތަރައްގީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްގީއަށް އިސްކަންދިނުން ކަމަށެވެ.

އެމަނިކުގާނުގެ ވާހަކައިގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާއިރު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުން މަހުރޫމުވެ ކުރިމަތިލާންޖެހިފައިވާ ދަތި ހާލަތަށް އަލިއަޅުއްވާލެއްވި އެވެ. އަދި ޣައްޒާގައި ހިންގަމުންދާ އުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ.

މީގެ އިތުރުން ޣައްޒާގެ މިހާރުގެ ހާއްސަ އަދި އެހެން ގައުމުތަކުގައި ހިނގަމުންދާ މިފަދަ ހަނގުރާމަތަކަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ބޭނުންޖެހިފައި ވާ މިންވަރު ދައްކުވައި ދޭ މިސާލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުސެއިންގެ ވާހަކަފުޅުގައި މައިގަނޑު 5 ނުކުތާއެއް ފާހަގަކުރެއްވިއިރު، ފުރަތަމަ ކަމަކަށް އިންސާނީ ހައްގަކީ އިތުރު ބަހުސެއް ނުކޮށް ލިބެންޖެހޭ ހައްގެއްކަމަށާއި އަދި އެއީ ފަރުދެއްގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަމަށް ވިދާޅުވި އެވެ. ދެވަނަ ކަމަކަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދަން ވާނީ ސަރުކާރާއި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާއި ވަކިވަކި ފަރާތްތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައިކަމަށް ހުސެއިން ވިދާޅުވި އެވެ. ތިން ވަނަ ކަމަކަށް ހުސެއިން ވިދާޅުވީ އިންސާނީ ހައްގުތަކާއި ގުޅޭ އިލްމުތައް ހުރިހާ ފަންތިއެއްގައި ފެތުރުމެވެ. އަދި ހަތަރު ވަނަ ކަމެއްގެ ގޮތުގައި، ތަރައްގީއާއި ސުލްހަމަސަލަސްކަމާއި ސަލާމަތްކަން ކުރިއަރުވައި މުޖްތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މަލްޓިލެޓަރަލިޒަމާއި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަޤްވާމީ ގޮތުން ކަން ކުރަމުން އަންނަ އުސޫލުތައް ބަލައިގަނެ ކުރިޔަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފަހުކަމެއްގެ ގޮތުގައި، ކުރިމަގަށް ކުރެވޭ އުންމީދުތައް އައު ކުރުމުގެ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާއި އެކު ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަކުތަކާއި ގުޅޭ ވާހަކަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށް ވިދާޅުވި އެވެ

”ހިއުމަން ރައިޓްސް 75“ ގެ މަތީ ފަންތީގެ ހަރަކާތްތަކަކީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަރލެންޑްގެ ސަރުކާރާ ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ”ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެކެވެ.

ދިވެހިރާއްޖެއަކީ އދ ގެ ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ގައުމެކެވެ. އަދި ކައުންސިލުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސްގެ މަޤާމު މިހާރު ފުރަމުން ދަނީ ވެސް ދިވެހިރާއްޖެއިންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: