ސިޔާސީ ދާއިރާއާއި، ދުރަށް ޖެހި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަނުކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވައިފި އެވެ.
ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވި ރައީސް ނަޝީދު، އެ މަގާމަށް ވަޑައިގަތީ 2008 ގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރައްވައި އޮކްޓޯބަރު 2008 ގަ އެވެ. އެގޮތުން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު 2005، އޭޕްރިލް 30 ގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސިޔާސީ އެކި ހަރަކާތްތައް ކުރިޔަށް ގެންދެވީ އެކަމަށް ރައީސް މައުމޫންގެ ސަރުކާރުން މަނާކުރައްވާފައި ވަނިކޮށެވެ.
އޭގެ ފަހުން އައި ސިޔާސީ ހަލަބޮލިކަމަށް ފަހު 2005 ޖޫން 2005 ގައި ސިޔާސީ ޕާޓީތައް ހިންގެވުމުގެ ހުއްދަ ދޫކުރުމުން އެ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައީސް ނަޝީދު ވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ އެންމެ މަގުބޫލު ޝަހުސިއްޔަތަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތައް އެމަނިކުފާނު ފާހަގަކުރަމުން އައީ ޑިމޮކްރަސީއަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމަށް ފަހު ކުރިމަގިވި ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަކިންނެވެ. އަދި ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީގައި އިސްކޮށް އުޅުއްވުމަށް ފަހު ފަހުން އައިސް އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތުން ދުރަށް ޖެހުމުގެ ވިސްނުން ހާމަކުރައްވާފަ އެވެ.
މިރޭ ކުއްލި ގޮތަކަށް އާންމު ކުރެއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި މަސައްކަތްތަކުގައި އުޅުއްވާތާ އެތައް އަހަރުތަކެއް ވެފައިވާކަމަށާއި، ސިޔާސީ ހަޔާތުގައި އެތައް ބައެއްގެ އެއްބާރުލުމާއި އެހީ ލިބުނު ކަމަށެވެ. އެހެންކަމުން އޭގެއިން ކޮންމެ މީހަކަށް ޝުކުރު އަދާކުރަމުން ސިޔާސީ މަސައްކަތުން ދުރުވާން ނިންމެވި ނިންމެވުން އިއުލާނު ކުރައްވާކަމަށް ސިޓީގައި ވެއެވެ.
ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށެވެ.
ސިޔާސީ ގޮތުން ކުރެވުނު ބައެއް މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއް ގެނައުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ އަދި ރައްޔިތުންގެ ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ހެދުމަށް ވެސް މަސައްކަތް ކުރެއްވިކަމަށް ވިދާޅުވި އެވެ.
މިވީ އަހަރުތަކުގެ ތެރޭގައި އެތައް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުއިރު އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގެ ތެރެއިން ނުހަނު އަނިޔާއާއި ހިތާމަވެރިކަމާއި އެކަނިވެރިކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ޖަލުގެ އަނިޔާ އެތައް ފަހަރެއްގެ މަތިން ތަހައްމަލު ކުރަން ޖެހުނުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އާއިލާއާއި ވަކިން އެތައް ދުވަހަކު އުޅުއްވަން ޖެހުނު ކަމަށެވެ. އަދި މުޅި ޒާތީ ހަޔާތް އެއްކޮށް ބަރުބާދުވެގެން ދިޔަކަމަށާއި، ބޮމުގެ ހަމަލާއިން މަރުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ދިޔަ ކަމަށެވެ.


One Response
ބޮން ގޮއްވީ އެކުވެރިޔާ ތޯ؟