މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ފޯމު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް، ސައިފާއި އެކު ޑިމޮކްރެޓްސްގެ އިސް ހުރިހާ ބޭފުޅުން ވެސް ވަޑައިގަތެވެ.
ފޯމު ހުށަހެޅުމަށް ފަހު ސައިފް މީޑިއާތަކަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކަށް ހައްލެއް ގެންނަން ޖެހޭކަމަށާއި އެނާއަކީ ރައްޔިތުންގެ އަޑުއަހައި އެކަމަށް ހައްލު ގެންނާނެ މީހެއް ކަމަށެވެ. އަދި އުންމީދަކީ އެ ބަދަލު ގެނައުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބުންކަމަށް ސައިފް ވިދާޅުވި އެވެ.
ސައިފްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ކުރީގެ ކޮމިޝަނާރ އޮފް ޕޮލިސް ހުސެއިން ވަހީދު ވެސް ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. ހުސެއިން ވަހީދު ވަކުރައްވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
މީގެއިތުރުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.
މާލެސިޓީގެ މޭޔަރުގެ އިންތިހާބާއި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ

