ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުން ދާ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކީން ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުގައި، ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިއެންސްގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނީ ގައުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެ ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށާއި، ސަރުކާރުން ކުރިޔަށް ގެންދަވާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަދި ދީހިލީ، ޚާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ މައްޗަށް ވާހަކަ ދެކެވުނެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައީސްގެ މެދުގައި ބަދަލު ކުރެވުނު ހިޔާލުތަކަށް ފަހު އެބޭފުޅުން ވަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކުރިޔަށް ގެންދާ ކޮންމެ މަސައްކަތެއްގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ރައީސް ވަނީ ސަރުކާރު ހިންގެވުމުގައި ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ މުހިންމުކަން ފާހަގަކުރައްވައި މިފަދަ އިތުރު ބައްދަލުވުންތައް ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެފަ އެވެ.

