އައްޑޫ ސިޓީގައި، ރޭގެ ވަގުތެއްގައި އިހި ނަގަން މޫދަށް ފައިބާ އުޅެނިކޮށް ގެއްލުނު މުހައްމަދު ނައިޝް ހޯދުމަށް ފީނައިގެންނާއި، ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ގަމުގެ ދެކުނުން، އިހި ނަގަން ފޭބި އުމުރުން 18 އަހަރުގެ މަރަދޫ، ކުރެދުމާގޭ ނައިޝް ގެއްލިގެން ރިޕޯޓު ކުރީ ރޭގެ 10:45 ހާއިރެވެ.
ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން މީޑިއާތަކަށް ބުނީ، ފުލުހުންނާއި އާންމުންގެ ގިނަ އުޅަނދުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ ނައިޝް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ނައިޝް ހޯދުމަށް ކުރިޔަށް ދާ އޮޕަރޭޝަނަށް އައްޑޫގެ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެ މަގުން އެ ސަރަހައްދު ބަލަން ފަށާފައިވާކަމަށެވެ.
ސ.ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ މީހާ ހޯދުމަށް ހަރަކާތްތެރިވާން ފަށައިފި.https://t.co/VUsOC8hJdy pic.twitter.com/OqvYAO5x2I
— Maldives National Defence Force (@MNDF_Official) December 21, 2023
މީގެއިތުރުން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ވެސް ހަރަކާތްތެރިވަމުން ދާއިރު، އެ ދިމާލު ހޭޅިވެސް ބަލަމުން ގެންދާކަމަށް ވަނީ ބުނެފަ އެވެ.
ނައިޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދުކުލައިގެ ޓީޝާޓެކެވެ. ނާއިޝް ހޯދުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދިނުމަށް މަރަދޫ އަވަށު އޮފޯހުން ވަނީ އެދިފަ އެވެ.
ކުއްޖާ ހޯދުމުގެ މަސައްކަތުގައި މަރަދޫގެ ބައެއް މަސްދޯނިތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

