ދިވެހިރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާއަށް ބިދޭސީންތަކެއް ޕޮޒިޓިވްވެ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ފެށި ސްކްރީނިންގައި ހުޅުމާލެއިން ވެސް ބަލި ޖެހިފައި ހުރި ބިދޭސީއެއް ފެނިއްޖެ އެވެ.
އެޗްޕީއޭއިން ބަޔާނެއް އާންމުކޮށް ބުނީ ފައިލޭރިއާއަށް ބިދޭސީންތަކެއް ޕޮޒިޓިވްވެފައިވާތީ، އެ ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކުރިޔަށް ގެންދާ ސްކްރީނިންގައި އިންޑިއާގެ މީހެއް ފެނިފައިވާ ކަމަށެވެ. އެ މީހާގެ ފަރުވާގެ ކަންކަން ފެށިއިރު، ރާއްޖެއިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު މިފަހުން ފެނުނީ ހދ. ކުޅުދުއްފުށީގަ އެވެ.
އެ ރަށުގައި ފައިލޭރިއާ ޖެހިފައިވާ 25 ބިދޭސީއަކު ވަނީ ދެނެގަނެވިފަ އެވެ. އެޗްޕީއޭއިން މައުލޫމާތު ދިންގޮތުގައި އެ މީހުންނަކީ އިންޑިއާގެ ބިހާރާއި އުތުރު ޕްރަދޭޝް އަދި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ސަރަހައްދުން ރާއްޖެ އައި ބައެކެވެ.
ކުޅުދުއްފުށިން ފެނުނު ކޭސްތަތުގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމުން، ދިވެހިން ވެސް ކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ.
ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، ބައެއް ބޭސްތައް ރާއްޖެއަށް ގެނެސްފައި ހުރުމުން އެ ބޭސްތައް މިވަގުތަށް ބޭނުން ކުރެވުނު ނަމަވެސް އިތުރު ސްޓޮކްތަކެއް ގެންނަން ޖެހޭކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއަށް އެތެރެވާ ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މެޑިކަލް ހުށަހެޅުމުގައި އޮޅުވާލުމާއި ދޮގު މައުލޫމާތުތައް ދިނުން ވަނީ އާންމުކަމަކަށް ވެފަ އެވެ. އަދި މި ބަލި ރާއްޖެއިން ފެނުމާއި ގުޅިފައި ވަނީ އެއްވެސް މެޑިކަލް ޗެކަޕެއް ނެތި ބިދޭސީން އެތެރެ ކުރަމުން ގެންދިއުންކަން ސިއްހީ ދާއިރާގެ ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ފައިލޭރިއާގައި ފައި ދުޅަވެ ހަންގަނޑު ބޯވުމަކީ ބަލީގެ އެންމެ އާންމު އަލާމާތެވެ.
ސްކީރިނިންގެ ދަށުން ކުޅުދުއްފުށީގައި 439 މީހަކު ޓެސްޓުކޮށްފައިވާކަމަށެވެ. އެއަށް ފަހު އެ ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ސްކްރީނިންގައި 155 މީހަކު ބައްޔަށް ޓެސްޓުކުރިކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ފައިލޭރިއާއަށް ޕޮސިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ pic.twitter.com/dNSNR7iwwT
— Health Protection Agency (@HPA_MV) December 23, 2023
ހުޅުމާލޭގައި ހުރި މީހާގެ ބަލި ދެނެގަނެވުނީ އެޗްޕީއޭއިން ބުނި ގޮތުގައި ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ ސްކްރީނިންގައި ޓެސްޓު ކުރި 13 މީހުންގެ ތެރެއިންނެވެ.
މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވީނަމަވެސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ ކުޅުދުއްފުށި ކައުންސިލާއި ކަމާއި ގުޅުން ހުރި އެހެން ފަރާތްތަށް ހިމެނޭހެން ޓާސްކްފޯއެއް އެކުލަވާލާފަ އެވެ. އަދި މާލޭގައި ހެލްތް އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
އެޗްޕީއެއިން ބުނީ ބަލި ފެނުނު ސަރަހައްދުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބައްޔަށް ޓެސްޓުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދާނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މައުލޫމާތު ދިނެވެ.
މިވަގުތު އެޗްޕީއޭއިން ކުރަމުން ދަނީ ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގައި ތިބި ބިދޭސީން ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތެވެ. އަދި އެކަމަށް ބޭނުންވާ ޓެސްޓު ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަކުރި އެވެ.

