އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ގުޅޭގޮތުން ނެރުއްވި ގާރާރުގެ މައްޗަށް ބިނާކޮށް ހުރިހާ އަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެހެންކަމުން މި ސަބަބުތަކަށްޓަކައި އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ނެރުއްވި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅުއްވާފައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

