ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާކަން ހާމަކޮށް ކ. އަތޮޅު ކައުންސިލަށް ނިމާލް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން ވި ވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް އެ އިންތިހާބްގެ އަގްލަބިއްޔަތުން އިންތިހާބުކޮށް މާލެ އަތޮޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ނުހަނު ފަހުރަކާއި އުފަލެއް ކަމަށް ނިމާލް ވިދާޅުވެފައިވެއެވެ. އެ ފުރުސަތަށް ޕާޓީއަށާއި އަތޮޅުގެ ރައްޔިތުންނާއި ރަށު ރައްޔިތުންނަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.
އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރަމުން ދިޔަ މުއްދަތުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބެހެއްޓެވި ގާތްކަމާއި، ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށް މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މުވައްޒަފުންނަށް ވެސް ނިމާލްގެ ސިޓީގައި ޝުކުރު އަދާކޮށްފައިވެއެވެ.
ނިމާލް ވިދާޅުވެފައިވަނީ މާލެ އަތޮޅު ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވާ ގިނަ ގުނަ ކާމިޔާބީތައް އެކިއެކި ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ވަރަށް ބަސްއަހާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއް ކަމަށެވެ. އެހެންކަމުން ދިވެހީންގެ ރާއްޖެ ގެ ތަސައްވަރުގެ ތަރައްގީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގެ ދަށުގައި މުޅި މާލެ އަތޮޅަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

