މީޑިއާ ވިލެޖެއް އެކުލަވާލުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މީޑިއާތަކާއި، ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރާއްޖޭގެ އެކި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ މީޑިއާތަކާއި އެކު ސަރުކާރުން ގާތް ގުޅުމެއް ބާއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކުގައި މައިގަނޑު ގޮތެއްގައި، އެޑިޓަރުންނާއި ވެރިން ފާހަގަކުރީ މާލީ ގޮތުން ދިމާވާ ދަތިތަކާއި އޮފީސް ހިންގުމުގެ ދަތިތަކެވެ. މީޑިއާ ސްޓޭޝަންތައް ހިންގުމަށް ބޮޑެތި އަގު ދީ، އިމާރާތްތައް ކުއްޔަށް ނަގާފައި ހުންނައިރު އެކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެއީ ވަގުތުން ވަގުތަށް ހައްލު ނުކުރެވިދާނެ ކަންބޮޑުވުމެއް ނަމަވެސް މާލެ ސަރަހައްދުގައި މިޑިއާ ވިލެޖެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
މި ދާއިރާގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހުރި ދަތިތައް ވެސް ނޫސްވެެރިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގައި މާސްޓަސްއަށް ކުދިން ހަމަނުވެ ކޯސްތައް ނުފެށުމާއި، ދައިރާއާއި ގުޅުން ހުރި ޕަބްލިކް ރިލޭޝަންސް ކޯސްތައް ނުވަތަ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ ކޯސްތައް އަގުބޮޑުކަން ފާހަގަކުރި އެވެ.
އޭގެ ސަބަބުން މާލީ ދަތިތަކާއި ހުރެ، ކުރިޔަށް ދާން އުނދަގޫކަމާއި ވަކިވަކިން ހިނގޭ ކުރު ތަމްރީނު ޕްރޮގްރާމުތަކަށް ވުރެ މިފަދަ ކޯސްތައް ޒުވާން ނޫސްވެރިންނަށް މުހިންމުކަން ފާހަގަކުރުމުން ރައީސް ވިދާޅުވީ މީޑިއާގެ ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ތައުލީމު ފުރިހަމަ ކުރުމުގައި އެހީތެރިކަން ދިނުމަށް ކެމްޕެއިނުގައި ވެސް ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތައުލީމީ ނިޒާމުގެ ތެރެއިން އެކަން ފަހިކޮށްދެއްވާނެ ކަމަށެވެ.

