ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި ”ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް“ ބޯޑު ތަޢާރުފުކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ”ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާރ“ ބޯޑުގައި ތިއްބަވާނީ 15 މެންބަރުންކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމަވާފައިވެއެވެ. ނަމަވެސް މަތީ ސާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.
މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.

