ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލ. ގަމުގައި އިމާރާތް ކުރުމަށް ނިންމި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާތީ ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެކަން ކުށްވެރިކޮށްފި އެވެ.
ވިސާމް ރޭ އާންމު ކުރި ބަޔާނެއްގައި ވިދާޅުވީ، ގަމުގައި އަޅަން މިދިޔަ ސަރުކާރުގައި ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަކީ އަތޮޅުތެރޭގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ސަމާލުކަމެއް ނުދެއްވާކަމުގެ ހެއްކެއް ކަމަށެވެ. ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައި ވަނިކޮށް، މި ސަރުކާރުން އެ މަޝްރޫއު މާލެއަށް ބަަލު ކުރުމުގެ ސަބަބުން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމު ކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު އެ ގައުމުގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ވެސް ސިޔާސީ އެކި ފަރާތްތަކާއި ސިއްހީ ދާއިރާގެ އިސްވެރިން ރައީސް ސޯލިހުގެ ނިންމެވުމަށް ނުފޫޒު ފޯރުވައި ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް މަސައްކަތް ކުރިކަމަށެވެ.
ބަޔާނުގައި އިތުރަށް ވިސާމް ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް ބަދަލު ކުރުމަށް ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރ ހޮސްޕިޓަލް އަޅަން ޖެހުމުންކަމަށް ސަރުކާރުން ބުނާއިރު އެ ހޮސްޕިޓަލް ގަމުގައި އެޅުމަށް ރައީސް ސޯލިހުގެ ސަރުކާރުން 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ހަވާލު ކުރީ މިދިޔަ ޖުލައި މަހު އެމްޓީސީސީއާ ކަމަށެވެ.
ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި އޮއްވައި އެ ހިދުމަތް ނުލިބޭކަމަށް ބުނެ ކެންސަރ ހޮސްޕިޓަލް ބަދަލު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ހަމަވެ އެވެ. މިކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެކަމުގެ ބިރު އެބައޮތެވެ.
ވިސާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ކުރީ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެކަމުގެ ވައުދާއި އެކުކަމަށެވެ. ކެންސަރު ހޮސްޕިޓަލަކީ އެ އަތޮޅުގެ ތަރައްގީއާއި ގުޅިފައިވާ ބޮޑު ޕްރޮޖެކްޓަކަށްވާއިރު، ރައްޔިތުންގެ ވަރަށް އުންމީދެއް އެކަމާ ގުޅިފައިވާކަމަށް ވިސާމް ވިދާޅުވި އެވެ.
އެއްވެސް މަޝްވަރާއެއް ހޯދުމަކާއި ނުލައި ޕްރޮޖެކްޓު ބަދަލު ކުރުމަކީ، ގޯހެއްކަން ފާހަގަކޮށް ވިދާމް ވިދާޅުވީ އެއީ ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި ހިޔާލެއް ހޯދަން ވެސް ސަރުކާރުން ބޭނުން ނުވާކަމުގެ ހެއްކެއް ކަމަށެވެ.
ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް ނެރޭ ބަޔާން . މި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން. pic.twitter.com/MHPyofzL91
— Mohamed Wisam (@mohamedwisaam) December 26, 2023
ވިސާމް ސިފަ ކުރެއްވި ގޮތުގައި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލު ކުރުމަށް ނިންމި ނިންމުމަކީ، ބާރުތައް މާލޭގެ ސަރަހައްދަށް ޖަމާކުރުމެވެ. އަދި ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ގަސްތުގައި ހުރަސްއެޅުންކަމަށް ވެސް ތުހުމަތު ކުރި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ލ. ގަމުގައި އެޅުމަށް ނިންމި ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް ފަށާފައިނުވާއިރު އެމަނިކުފަނު ވެސް ތަފާތު ތާރީހުތަކެއް ދެއްވި އެވެ. އެގޮތުން 2022 ގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައި ވެއެވެ.
އޭގެ ކުރިން އެ މަސައްކަތް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. އެގޮތުން އެ އަހަރުގެ ބަޖެޓުގައި މަޝްރޫއުއަށް 5.5 މިލިއަން ރުފިޔާ ހިމަނައި 2022 ގެ ބަޖެޓުން 27 މިލިއަން ހަރަދުވާނެކަމަށް ލަފާކުރި އެވެ. ޖުމްލަ ޕްރޮޖެކްޓަށް ހަރަދުވާނެކަމަށް ލަފާކޮށްފައި ވަނީ 98 މިލިއަން ރުފިޔާ އެވެ.
މަޝްރޫއަކީ އިންޑިޔާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖައްސައިދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. މި ލައިން އޮފް ކްރެޑިޓަކީ 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ދީފައިވާ ލޯނެއްކަމަށްވާއިރު، އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 އިންސައްތަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންވާ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންވެސް ތަމްރީނުކުރާނެ ކަމަށާއި، 250 ދިވެހިން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭރު ސަރުކާރުން ބުނިނަމަވެސް އެކަމުގެ ވެސް މަސައްކަތަކެއް ކުރިޔަށް ގެންގޮސްފައި ނުވެއެވެ.

