އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި ގުޅެން ޖެހުނީ ގައުމީ މަސްލަހަތު އިސްކުރުމަށް ބޭނުންވާތީކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝަރީފެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދުމަށް ފަހު އައި ކޯޅުންތަކުގެ ތެރޭގައި ޝަރީފަކީ އެންމެ ފާޅުކަން ބޮޑު ގޮތަކަށް މިހާރުގެ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެކޮޅަށް މަސައްކަތް ކުރެއްވި މެމްބަރެވެ.
މީގެ ދެ ދުވަސް ކުރިން، ޝަރީފް އެމްޑީޕީ ދޫކުރުމާއި އެކު، ޕީއެންސީއަށް ސޮއި ކުރައްވާކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އެއަށް ފަހު މިރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި އެމްޑީޕީގެ ޖުމްލަ 13 މެމްބަރަކު ޕާޓީއާއި ގުޅިވަޑައިގެތެވެ. އެ މެމްބަރުންގެ ފަރާތުން މިރޭގެ ޖަލްސާގައި ޝަރީފް ދެއްކެވި ވާހަކައިގައި، ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އަބަދުވެސް މުހިންމު ވާނީ ގައުމު ކަމަށެވެ. ކަން ހިނގާ އުސޫލަކީ ވެސް އެއީކަން ފާހަގަކޮށް ޝަރީފް ވަނީ އޭނާގެ ސިޔާސީ މުޅި ހަޔާތް ހޭދަ ކުރެއްވީ އެގޮތުގެ މަތީގައިކަމަށް ވިދާޅުވެފަ އެވެ.
އެމްޑީން ވަކިވެ ޕީއެންސީއާއި ގުޅެން ޖެހުނު ސަބަބަކީ، ގައުމުކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ މާޒީގައި ގައުމު އިސްލާހުގެ މަގަށް ގެނެސް ކުރި މަސައްކަތުގައި އެތައް ފަހަރެއްގެ މަތީން ބަންދަށް ދާން ޖެހުނު ނަމަވެސް އެ މަސަައްކަތަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ތަނަވަސް އަޣުލަބިއްޔަތަކުންކަމަށާއި، އެހެންކަމުން ދެން އިތުރަށް ސުވާލު އުފައްދައި ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުން ލަސް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ޕާލިމަންޓު ގުރޫޕުގައި ވެސް އޭނާ ދެއްކެވި ވާހަކަތައްކަމަށާއި، ސަރުކާރެއް ގުޑުވާލުމަށް ކުރާ މަސައްކަތަކީ އެއީ ޣައްދާރުވުންކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރު ކުރުވުންކަމަށް ވީނަމަވެސް އެކަމުގެ ހުރަހަކަށްވެ އުނދަގޫ ކުރުމަކީ އެއީ ގޯހެއްކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އޭނާ ދިގު މުއްދަތެއް ހޭދަކޮށްފައިވުމާއި، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހުންނެވުމުގެ ސަބަބުން ގައުމުގެ އިގްތިސާދު އޮތް ހާލަތާއި ދަރަނިވެރިވެފައިވާ މިންވަރު އެނގޭ ކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތައް އަބަދުވެސް ހުރިކަމަށާއި، ބަންޑަށް ޖެހޭ ވަގުތު އެކަމުގެ ހިތި ރަހައާއި ކުރިމަތިލާން ޖެހޭނީ ޕީޕީއެމް، ޕީއެންސީގެ މެމްބަރުން އެކަންޏެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުން ބިކަވެ، ނިކަމެތިވާން އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާތީ އޭނާ ހިމެނޭހެން މަޖިލީހުގެ 12 މެމްބަރުން ޕީއެންސީއާއި ގުޅެން ނިންމީކަމަށް ޝަރީފް ވިދާޅުވި އެވެ. ގައުމުގެ މަސްލަހަތު އިސްނުކޮށް، މަސައްކަތް ކުރިޔަށް ގެންދާނަމަ ޕީއެންސީ ވެސް ދޫކޮށްލަން ފަސް ނުޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ބައެއް މެމްބަރުން އަދި ޕީއެންސީއާއި ގުޅިވަޑައިނުގެންނެވި ނަމަވެސް ހިޔާލު ހުރީ ސަރުކާރާއި ގުޅިގެން ކުރިޔަށް ދާންކަމަށެވެ. އަދި ބައެއް މެމްބަރުން މެސެޖުން ވެސް އެކަން ވިދާޅުވެދެއްވިކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް މިވީ ދޮޅު މަހެއްގެ ތެރޭގައި އަދިވެސް އޮތް ޝަކުވާއަކީ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމެވެ. އެނގިފައިވާ ގޮތުން އެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ.

