ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯއްޗާއި ފްލެޓު ލިބޭނެކަމަށް، ނިންމައި ގެޒެޓު ކުރި ލިސްޓުގައިވާ މީހުންނަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މި ހަފްތާއިން ފެށިގެން ހަވާލު ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރި އެވެ.
ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދި އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގި އެވެ.
މި މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދާތީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާވުވާލު ކުރުމުން ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ

