20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލަިއިފިއެވެ.
17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހު އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަކީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް މި ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންވާނެ ކަމަށް ޑިމޮކްރެޓްސްއިން ވަނީ އަންގާފައެވެ.
ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ އެދުވަހުގެ ނިޔަލަށް މި ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށް ކަމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، ޝަކުވާއަށް ހުށައެޅުމުގެ ފުރުސަތު ފެބްރުއަރީ 6 ވާ އަންގާރަ ދުވަހު ހުޅުވާލެވޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަނޑިއެއް ކަމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ 10 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އިއުލާނުކުރަން ކަނޑައެޅިފައިވަނީ ފެބްރުއަރީ 11، 2024 ވާ އާދިއްތަ ދުވަހުއެވެ.
ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ. ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެމްބަރުން ޝާއިއުކުރެވިފައިވާ ފޯމު މެދުވެރިކޮށް ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމާއެކު ހުށަހެޅުމައް ވަނީ އެ ޕާޓިން ވަނީ އެދިފައެވެ.


One Response
ތިޔަ ޕާޓީ މިޤަޢުމުގަ ނުހިގާނެ. ތިޔައީ ހަސަދަ ފިލުވަން ހަދައިގެން އުޅޭ ޕާޓީއެއް އެންމެ.ފަހުން ބޭއްވި އންތިހާބުވެސް ވަނީ އޮޅުވާލާފަ.މިހާރު ތިޔަ ޕާޓީގަ ތިންހާސް މީހުން ހަމަނުވާ ކަމަށް މަޢުލޫމާތުލިބޭ.