ޖެއްސުން ކުރުމާއި، ޕާޓީއެއް ބުނާހާ ގޮތަކަށް މަސައްކަތް ކުރާނެ މޭޔަރަކަށް ވުރެ މުހިންމީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ސިޔާސަތާއި އެ ވިސްނުން ހުރި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ސަރުކާރުގެ މައި ޕާޓީ ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ވަނީ ލޯންޗުކޮށްފަ އެވެ.
މިރޭގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކައިގައި އުފެއްދެވި އެންމެ ބޮޑު ސުވަލަކީ، ކެންޑިޑޭޓުންނަށް އެބޭފުޅަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ކެރޭނެތޯ އެވެ. އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އޭރުގެ ސަރުކާރުން ކުރި ޖެއްސުންތަކާއި އުނދަގޫތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގިނަ ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރުވި ކަމަށެވެ.
ސަރުކާރުގެ އިހުމާލާއި، ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބާރުފޯރުވުމުގެ ނަތީޖާއަކަށް ވީ ބޭނުންވި މިންވަރަށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ނުކުރެވުންކަމަށް ރައީސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގައި އޭރު ސިޓީ ކައުންސިލުން ކުރި ވަކާލާތާއި، މަގު ހެދުމުގެ މަސައްކަތް އަދި މަސް މާރުކޭޓު ތަރައްގީ ކުރުމަށް އެކުލަވާލި ޕްލޭނަށް ސަރުކާރުން އަޅާނުލުމެވެ.
އެއީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަން އަމިއްލަ ނަފުސަށް ދީގެން އުޅުނު ސަރުކާރެއްގެ ހާލަތުކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިފަދަ ކޮންމެ ކަމަކުން ވެސް އެނގެނީ ޖެއްސުން ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ބަޔަކު މަގާމުތަކަށް އިސް ނުކުރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަސައްކަތް ނުކުރާނެ މީހެއް އިންތިހާބު ކުރުން އެއީ ރައީސް ވިދާޅުވި ގޮތުގައި އެންމެ ބުއްދިވެރި ގޮތެއް ވެސް ނޫނެވެ.
ތަރައްގީގެ ކަންކަން، މަޝްރޫއުތައް،… ކައުންސިލް މެދުވެރިކޮށް ކުރަން ތިއްބައި. ސަރުކަރަށް ޖެއްސުން ކުރުމަށް ނުވަތަ އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ޕާޓީއަކުން މީހަކު މޭޔަރުމަމަށް ހޮވައިފި ނަމަ ކިހިނެއްތޯ ދެން ވާނީ…
ރައީސް ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، މޭޔަރު ދެކޮޅުވުން ނުވަތަ އެ ބޭފުޅަކު ނިސްބަތްވާ ޕާޓީން ވަކި ގޮތެއް އަންގާ ހިސާބުން އިސްވާނީ ޕާޓީތޯ ސުވަލު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބެން ޖެހޭނީ އެ ރައްޔިތުން އިސްކުރާނެ ބައެއް ކަމަށެވެ. އެހެންވެ ރައީސް ވަނީ ބަކީ މިއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެބޭފުޅުން އިސް ކުރާނީ ކޮންކަމެއް ކަން ރައްޔިތުންނަށް ސާފުކޮށްދޭން ގޮވާލަައްވާފަ އެވެ.
ރައީސް ވިދާޅުވީ ޕާޓީއަކުން ކުރިމަތިލައިގެން ހުންނެވި ނަމަވެސް، އެބޭފުޅަކު ސީދާ ޕާޓީގެ އެންގުންތަކަށް ތަބައަ ނުވާނެކަމަށް ކެރިގެން ދަންނަވަން ވީކަމަށެވެ.

