ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސަފީރު ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް: ހައި ކޮމިޝަން

ފޮޓޯ: ޑރ. މުއިއްޒުގެ ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑީއާ އިން ރާއްޖެ އަށް ކަންޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވަޑައިގަތީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމަކަށް ކަމަށް ހައި ކޮމިޝަނުން ބުނެފިއެވެ.

ހައިކޮމިޝަނުން މިގޮތަށް ބުނެފައިވަނީ އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާއި ގުޅިގެން އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރިކަމަށް ސޯޝަލް މީޑިއާގައި ފެތުރު ހަބަރަކާއި ގުޅިގެންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެކްސް ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ގާތްގަނޑަކަށް ބައިގަޑިއިރެއްހާ އިރަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭ ގޮތުން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައިވަނީ ވަނީ މިއަދު މެންދުރު 12 ޖެހި އިރުއެވެ. އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީ އަށް ވަޑައިގެންފައިވާއިރު ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި މޯދީ ދެއްވި އެ މެސެޖަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި އިންޑިއާގައި ތިބެގެން ވެސް ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްލެވޭނެ ކަމެވެ.

މި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އިންޑިއާއަށާއި މޯދީ އަށް ފާޑުކިޔައި ރައްދު ދީފައިވެއެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މޯދީއަށް މަލާމާތް ކުރައްވައި އެކްސްގައި ތަފާތު ޕޯސްޓުތައް ހިއްސާ ކުރައްވާފައިވެއެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޒުވާނުންނާ ބެހޭ ވުޒާރާގައި ޑެޕިއުޓީ މިނިސްޓަރުންނަށް ތިއްބެވި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފަށެވެ. އެއާއެކުގައި އެ ބޭފުޅުން ވަނީ މިހާރު އެ ޕޯސްޓުތައް ޑިލީޓް ކުރައްވައިފައެވެ. މި މައްސަލައިގައި އިންޑިއާގެ މީޑިއާތަކުން ގޮވާލާފައި ވަނީ ސަރުކާރުން މާފަށް އެދި ދެ ބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ޝިއުނާ އާއި މަލްޝާ އަދި ޒުވާނުންނާ ބެހޭ ވުޒާރާގެ އަބްދުﷲ މަހްޒޫމް މާޖިދު ވެސް ސަސްޕެންޑްކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް އެބާޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: