ބޭނުންވަނީ މާލެ މިވަގުތު އޮތް ހާލަތުން އަރައިގަނެ، އެކަން ބަދަލު ކުރާނެ ޒުވާނުންތަކެއްކަމަށް ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމެރީގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ ނޫރުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ނޫރުބާންގެ ކެމްޕެއިން ހަރަކާތުގައި ނޫރުބާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ގައުމާއި މެދުހުރި އުދާސްތަަކާއި މާލޭގެ ތަރައްގީއާއި މެދު ހުރި ސުވާލު ތަކަކީ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މާލޭގައި އުޅެބޮޑުވިއިރު އޭނާގެ ހިތުގައި ވެސް އުފެދުނު ސުވާލުތަށްކަމަށެވެ. އަދި ފެންނަ މަންޒަރަކީ މާލޭގައި އޮތް ބައިބޯކަމާއި މާލޭގައި އޮތް ތޮއްޖެހުމާއި، މާލޭގައި އޮތް ދިރިއުޅުމުގެ ދަތިކަމާއި މާލެގައި ތިބިރައްޔިތުންގެ ނިކަމެތިކަން ކަމަށެވެ.
ނުރުބާން ވިދާޅުވީ ގަލޮޅު އުތުރަށް ކުރިމަތިލެއްވީ ވަރަށް ބޮޑު އުންމީދަކާއި ވަރަށް ބޮޑު ހިއްވަރަކާއި އެކު ކަމަށެވެ. އަދި ވިދާޅުވީ މާޒީން ދައްކުވައިދޭ ހަގީގަތަކީ ގަލޮޅު އުތުރުގެ ރައްޔިތުންނަކީ ވަރަށް ކެރޭ ހިއްވަރުގަދަ ބަޔަކު ތިބިތަނެއް ކަން ކަމަށެވެ. މިހާތަނަށް ގައުމުގައި އުފެދުނު ބޮޑެތި ބަދަލުތަކުގެ ތެރޭގައި ގަލޮޅު އުތުރުގެ ރައްޔިތުން ތިބި ކަމަށް ނޫރުބާން ފާހަގަކުރެއްވިއެވެ.
ނޫރުބާން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފައްޓަވަން ބޭނުންފުޅުވަނީ އެފަދަ ބާރުގަދަ ކެރޭ ފަހުލަވާނުން ތަކެއްގެ ލީޑަރެއްގެ ގޮތުގައި ކަމަށެވެ. ހަގީގަތަކީ ގަލޮޅު އުތުރަށް ނިސްބަތްވާ ގޮލޮޅު އުތުރުގެ މީހަކު 15 އަހަރު ވަންދެން އެ ދާއިރާގެ މަޖިލިސް މެންބަރުކަން އަދާ ކުރައްވަމުން ގެންދަވާކަން ކަމަށް އޭނާ ފަހަގަކުރެއްވިއެވެ. އަދި ގަލޮޅުގެ ގޭގެއަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބައްލަވާ އެކި އުމުރުފުރާގެ މީހުންނާއި ބައްދަލުވުމުން ލިބުނު ޖަވާބަކީ 15 އަހަރުވަންދެން އެ ދާއިރާގައި ހުރި ނަމަވެސް ގަލޮޅަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ.
އަދި މީގެއިތުރުން ޒުވާނުންގެ ޝަކުވާއަކީ އެންމެ ކުޑަމިނުން ޒުވާނުން ކުޅެލާނެ ދަނޑެއްވެސް ގަލޮޅުގައި ނެތްކަމުގެ ޝަކުވާ ކަމަށެވެ. މުޅި މާލޭގައިވެސް ޒުވާނުން ކުޅެލާނެ ކޯޓެއް ނެތީ ގަލޮޅު އުތުރުގައި ކަމަށް ނޫރުބާން ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ނައިބުރައީސް އާއި ބާރުގަދަ ބޭފުޅަކު ގަލޮޅު އުތުރު ތަމްސީލު ކުރައްވާއިރު އެ ދާއިރާގެ ރައްޔިތުން އުދާހުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭކަމަށްވެސް ނޫރުބާން ވިދާޅުވިއެވެ.

