އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބުރިޖު އެޅުމަށްޓަކައި ކުރަންޖެހޭ ސާވޭ މަސައްކަތްތައް ހިލޭކޮށްދޭނެކަމުގެ އިޝާރާތްތަކެއް މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ކުންފުންޏެއްކަމަށްވާ ”ދަ އަރަބް ކޮންޓްރެެކްޓާރޒް އިން ކޮށްފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ދަ އަރަބް ކޮންޓްރެކްޓާރޒް ކިޔާ ކުންފުންޏަކުންވަނީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލްއެއް ހުށައަަޅާފައިކަަމަށެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނިންވަނީ ބުރިޖު އެޅުމަށް ބޭނުންވާ ދިރާސާތައް ހިލޭކޮށްދޭނެކަމުގެ އިޝާރާތްތަކެއް ކޮށްފައިކަަމަށާއި، އެގޮތުގެ މަތިން އެއްބަސްވެވޭނަމަ، އެ ކުންފުންނާއިއެކު މަސައްކަތްތައް ކުރުމަށާް އެއްބަސްވުން ގާއިމުކުރެވިގެންދާނެކަމަށް ހިއްސާކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އިކޮނޮމިކް ކައުންސިލުންވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށެވެ.
ނާޒިމްވަނީ އެންމެ ފަހުން ބޭއްވި ސޯޝަލް ކައުންސިލުގެ ބައްދަލުވުމުގެ ނިންމުންވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ކައުންސިލުން މަޝްވަރާކުރި އެއްކަމަކީ އިސްލާމްދީނާއި ގައުމިއްޔާތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެއް ދެވޭ ގޮތަށް ސުކޫލުތަކުގެ ހަރަކާތްތައް ރާވާ ހިންގާނެ އުސޫލެއް އެކުލަވާލުންކަމަށެވެ.
އޭނާ ވިދާޅުވީ، އެގޮތުން ކުރުމަށް ކަނޑައެޅިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސުކޫލުތަކުގެ ކޮންމެ ދަންފަޅިއެއް ފަށާއިރުވެސް ގައުމީ ސަލާމް ކިޔުމާއި ސުކޫލުތަކުގެ އެސެމްބްލީގައި މިހާރު ކަންކަން ކުރާ ގޮތް އިތުރަށް މުރާޖާކޮށް އިސްވެ ދެންނެވި މަގުސަދުތައް ހާސިލުވާނެ ގޮތަށް އެސެމްބްލީތައް ފަރުމާކޮށް ބައްޓަންކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ކަލެންޑަރކޮށްގެން ތާވަލު އެކުލަވާލައިގެން އެ މަގުސަދުތައް ހާސިލުވެގެންދާނެ ގޮތަށް ކަންކަން ތަރުތީބުކުރުންވެސް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައިވާކަމަށާއި ސުކޫލުތަކުގައި ދިވެހި ބަހަށް އިސްކަން ދިނުމަށް އަމަލީގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީވެސް ކުރުމަށް ކަނޑައެޅިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
ނާޒިމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން ދަރިވަރުންނަށް ބޭނުންވާ އިލްމީ ދަރުސްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާކަމަށެވެ.

