ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ މައްސަލައިގައި ދޭނެ އިތުުރު މައުލޫމާތެއް ނެތް!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދެން ހިއްސާ ކުރާނެ އައު މައުލޫމާތެއް ނެތްކަމަށް ބުނެފި އެވެ.

ދެ ގައުމުގެ ދެމެދުގައިވެފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެތިބުމަށް ޖާގަދޭކަމަށް ބުނެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ އިހުތިޖާޖުތަކެއް ދިޔަ އެވެ. އަދި ސަރުކާރު ބަދަލު ކުރުމަށް ކުރި ކެމްޕެއިންތަކާއި، ބޭއްވި ޖަލްސާތަކުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެކުލަވާލާފައި ހުރި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ސިފައިން ފޮނުވާލާނެ ކަމަށެވެ.

ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރަސްމީ ގޮތުން ހުށަހަޅުއްވާފަ އެވެ. އެގޮތުން މިދިޔަ ދޮޅުމަހެއްގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު އިންޑިއާ – ރާއްޖެ ދެމެދު ކުރިޔަށް ދިޔަ ހައިލެވެލް މަޝްވަރާއަށް ފަހު މާ ތަފްސީލީ މައުލޫމާތުތަކެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ދެ ގައުމުން ވެސް މަޝްވަރާތަކުގެ ބަޔާން އާންމުކުރިއިރު ތަފްސީލެއް ލިބެން ހުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ބަޔާނުގަ އެވެ. އިންޑިއާގެ ސިފައިން ފޮނުވާލުމަށް އިންޑިއާ އެއްބަސްވާކަމަށް ސަރުކާރުގެ ބަޔާނުގައިވީ ނަމަވެސް އިންޑިއާގެ ބަޔާނުގައި ބުނެފައި ވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރުމަށް ފަހު މެޑިކަލް އިވެކުއޭޝަންތައް ހުއްޓާނުލައި ކުރިޔަށް ދެވޭނެ ގޮތެއް ހޯދަން ހުށަހެޅި ކަމަށެވެ. އެކަމަކު އެކަމުގެ އެއްވެސް މައުލޫމާތެއް ރާއްޖޭގެ އިދާރާއަކުން އާންމު ނުކުރެ އެވެ.

ކެބިނެޓު ނިންމުންތަކާއި ބެހޭ މައުލޫމާތުތައް ހާމަކުރުމަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދޭނެ އިތުރު މައުލޫމާތެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ ބައްދަލުވުންތައް އަދިވެސް ކުރިޔަށް ރޭވިފައި އެބަހުރިކަމަށާއި، ކެބިނެޓު ލެވެލްގައި އިތުރު މަޝްވަރާއެއް ކުރުން ނުވަތަ އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

ސުވާލަށް ފުރުސަތު ހުޅުވާލަމުން ނާޒިމް ވަނީ މައުލޫމާތުތައް ހިއްސާކުރެއްވި ދާއިރާތަކުގެ ތެރެއިން ސުވާލު ކުރަން އެދިވަަޑައިގެންފަ އެވެ. އެކަމަކު ގިނަ ނޫސްވެރިންގެ ސުވާލުތަކުގައި ވަނީ، އިންޑިއާގެ ސިފައިންގެ މައްސަލައިގައި ތަފްސީލެއް ދޭން އެދިފަ އެވެ. އެގޮތުން ބައެއް ނޫސްވެރިން ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާންތަކާއި ތަރުޖަމާނުގެ މީޑިއާ ބްރީފިންތަކުގައި ދެއްކެވި ވާހަކަތައް ތަފާތުކަމށް ފާހަގަކޮށްފަ އެވެ. އެކަމަކު ނާޒިމް ވިދާޅުވީ، އޭނާއަކީ އެކަމަށް ވާހަކަ ދެއްކޭނެ ބޭފުޅެއް ނޫންކަމަށާއި އެހެންވެ އެއަށް ޖަވާބެއް ނެތް ކަމަށެވެ.

މީގެއިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ދެން އިތުރު މަޝްވަރާއެއް އޮންނާނީ އެ ގައުމުގަ އެވެ. އަދި ސީދާ ތާރީހެއް ވެސް ނިންމާފައި ނުވާކަމަށް ވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޑޯނިއާ ބޭނުން ނުކުރާތީ އެކަމަށް ވެސް ސުވާލުކޮށްފަ އެވެ. ބަލި މީހުން އިމަޖެންސީއެއްގައި މާލެ ގެނައުމުގައި އަމަލުކުރާ ގޮތާއި ގުޅޭގޮތުން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމިއިރު ޑޯނިއާއާއި ހެލިކޮޕްޓަރު ބޭނުން ނުކުރުން ފަދަ އެއްވެސް ނިންމުމެއް ކެބިނެޓުގައި ނިންމާފައި ވޭތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ އެކަމުގެ މަޝްވަރާއެއް އެއްވެސް އެޖެންޑާއެއް މިއަދުގެ ކެބިނެޓަށް ހުށަހެޅިފައި ނެތް ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: