އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ޕާޓީ ގުޅިގެން ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އެބޭފުޅުން ބޭނުންވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ޒާތީ ނިޔަތެއްގައި ސަރުކާރު ބަލިކަށި ކުރުމަށްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރުހުން ނުދޭން ނިންމި ބޭފުޅުންގެ ތެރޭގައި އުޝާމްގެ ނަން ވެސް ހިމެނޭއިރު، އެއީ ކޮން ސަބަބަކާއި ހުރެކަން ދެ ޕާޓީން ވެސް ސާފުކޮށް ނުދެއެވެ.
ސަރުކާރަށް ދެ މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް، އަދި މިހާތަނަށް ވަޒީރުންނަށް ރުހުން ދީފައެއް ނުވެއެވެ. ކޮމިޓީގެ ނިންމުމަށްފަހު، މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ވުޒާރާތަކުގެ މެންޑޭޓު ރައީސް އޮފީހުން މަޖިލީހަށް ނުފޮނުވާ އޮތުމުން މައްސަލަަ ކުރިއަށް ނުގެންދެވުނެވެ.
އަޅުގަނޑު ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފަ އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ. ރައީސް… https://t.co/2T0ILwwlKn
— Ahmed Usham (@a_usham) January 28, 2024
އެއަށްފަހު މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.
މި މައްސަލައިގައި ޑިމޮކްރެޓްސްއިން ބަޔާނެއް ނެރެ ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައިކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.


One Response
ޤާނޫނީ މީހަކު ދައްކަންޖެހޭވާހަކައެއްނޫން ތިއީކީ. ރައްޔިތުންގެ މަޖީލީހަކީ ޤާނޫނުގަ އޮންނަގޮތަށް ހިންގާ ތަނެއްގެގޮތުގަ ރާއްޖޭގެ މެޖޯރިޓީ މީހުންދެކެނީ. ރުހުންދޭން ނުފެނަމީހުނަށް ރުހުން ނުދިނަސް އެކަމަށް ކުރަވޭނެ ކަމެއްނެތް. ނުރުހޭބަޔަކު ނުރުހުނަސް މަޖިލިސް މެމްބަރުންނަކީ ރައްޔަތުން ވޯޓުދީގެން ހޮވާފަތިބޭ ބައެއް. ޥޯޓުދިނީ ރުހޭތީތާ.