ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދޭން އުޅެނީ ވަކި ބަޔަކު ރުއްސަން، އަމަލު އެކުރަނީ މަތިން އަންނަ އޯޑަރަށް: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެބިނެޓުން ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމާފައި ވަނީ، މަތިން އަންނަ އޯޑަރުތަކެއްގެ ތެރެއިންކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލުކުރުމުން، އެމްޑީޕީން ވަނީ އެ ޕާޓީއާއި ޑިމޮކްރެޓްސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަމަށް ބުނެފަ އެވެ. އެއީ ޒާތީ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އާންމުން ނިކުމެ މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ގެންދިޔައިރު ވޯޓަށް އެހުމަށް ހުރަސް އަޅައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެކި ފަހަރު މަތީން އިއްޔެ ޖަލްސާގެ ގަޑިތައް ތާވަލުކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެގެން ޖަލްސާ ނިންމާލީ ރޭގަނޑުގެ 11 ހާއިރެވެ.

އެއަށް ފަހު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، ގަދަބާރުން ރުހުން ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ވަޒީރުން އެ މަސައްކަތަށް ގާބިލުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ މަޖިލީހުގެ މައްޗަށް އޮތްއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް ބާރު ނުފޯރުވޭނެކަމަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުންޏެވެ. އަދި އުނދަގޫކޮށް ޖަލްސާއަށް ހުރަސްއަޅާނަމަ އިތުރު ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ދިނެވެ.

މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހީ ވަކިވަކީންނެވެ. އެގޮތުން ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ސަލީމް ވިދާޅުވީ، ކެބިނެޓަށް ރުހުން ނުދީ ތިން މަސް ހިފެހެއްޓުމަށް ފަހު ޒާތީ ހަސަދަތަކެއްގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަކީ ވެސް ދާއިރާގެ އިލްމު އުނގެނިގެން ތިބި، އަދި ކަމަށް ގާބިލު އެންމެ އެކަށީގެންވާ ބޭފުޅުން ނަމަވެސް ރުހުން ނުދޭން ނިންމާފައި ވަނީ ޖެއްސުން ކުރުމަށްކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭން އުޅޭތީ އެކަމާ ތަކުރާރުކޮށް އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދެއްކެވިކަމަށާއި، އެއްވެސް މަގުބޫލު ސަބަބެއް ނެތި އެގޮތަށް ހަމަ ނިންމެވީކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ. ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ މެމްބަރުން އެގޮތަށް ނިންމާފައި ވަނީ، ވަކި ބަޔަކު އެގޮތަށް ބޭނުންވެގެން އެންގި ގޮތަށް ވޯޓު ދިނުމަށެވެ. އެ ނޫން އެއްވެސް ސަބަބެއް ވަޒީރުންނަށް ރުހުން ނުދޭން އޮވެދާނެކަމާއި މެދު ސަލީމް ސުވާލު އުފެއްދި އެވެ.

ތިން ވަޒީރުންނަށް ރުހުން ނުދިނީ ސަަލީމް ވިދާޅުވީ ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް ވުރެ ބޮޑަށް އެމްޑީޕީގެ ލީޑާޝިޕުން އެގޮތަށް ބޭނުންވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: