ތާރީހުތައް މިހާރު ދީފައިވާގޮތުން ރޯދަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކަށް ތާއީދު ކުރާކަމަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓު ގުރޫޕުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ގާނޫނުގެ ދަށުން ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.
ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް، ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ފަރާތުންނެވެ. އޭނާ ހުށަހަޅާފައ ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާއެއް ހިމެނޭހެން، އިސްލާހު ގެނައުމަށެވެ.
މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ސިޔާސީ ހުރިހާ ޕާޓީއަކުން ވެސް ވަނީ ގާނޫނަށް އިސްލާހު ގެނެސް އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަން ޕާޓީ ވެސް ހިމެނެއެވެ.
ދައުރުން ބޭރުން މިވަގުތު ޖަލްސާ ބޭއްވުމަށް އެދުނު ސަބަބުތަކުގެ ތެރޭގައި، ގާނޫނަށް އިސްލާހު ގެނައުން ހިމެނެ އެވެ. އެކަމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވީ ގާނޫނަށް ބަދަލު ގެންނަން ޖެހޭކަމަށާއި، އެކަމަށް ޕާޓީ ތާއީދު ކުރާކަމަށެވެ. ރޯދަ މަހު އިންތިހާބު ނުބޭއްވުމަކީ، އެއީ އެ ޕާޓީން ވެސް ބޭނުންވާ ގޮތްކަމަށް ވާތީ އެކަން މީގެ ކުރިން ވެސް ފާހަގަކޮށްފައިވާނެކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރޯދަ މަހަށް ފަހު، ނުވަތަ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމުގައި ވެސް އެ ޕާޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

