ސަރުކާރެއްގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ލިމިޓު ކުރުމަށް އެމްޑީޕީއާއި، ޑިމޮކްރެޓްސް ގުޅިގެން ހުށަހެޅި ނަމަވެސް އެއަށް ތާއީދު ނުކުރާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް އުފެދުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް އައްޔަނު ކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 160 އިން މައްޗަށް އަރައެވެ. އަދި ސްޓޭޓް މިނިސްޓްރުންގެ ގޮތުގައި އެކަނި ވެސް 91 ބޭފުޅުން އެބަތިބިކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކުން ދައްކަ އެވެ. މިއާއި އެކު މަތީ އެކި ރޭންކުތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަނު ކުރި މީހުންގެ އަދަދު 290 އަށް އަރައެވެ.
ސިޔާސީ މަގާމުތަކުގެ ތެރެއިން ޑެޕިއުޓީ މިނިސްޓްރުންގެ މުސާރައަކީ މުސާރައާއި އެލަވަންސްތައް ހިމެނޭހެން 35،000 ރުފިޔާ އެވެ. އަދި ސްޓޭޓް މިނިސްޓްރުންނަށް މުސާރައާއި އިނާޔަތްތައް ހިމެނޭހެން، 47،000 ރުފިޔާ ލިބޭނެ އެވެ.
މިނިސްޓަރުންނާއި، މިނިސްޓްރުންގެ ފެންވަރުގައި އައްޔަނު ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތާއި އެކު ޖުމްލަ 66،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
މީގެއިތުރުން ސަރުކާރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، ޑިރެކްޓަރުންގެ ނަމުގައި ވެސް މަގާމުތައް އުފައްދާފައި ވެއެވެ. އެ މީހުންގެ މުސާރައާއި، އަދަދުތަކާއި ގުޅޭ ތަފްސީލު ސާފެއް ނޫނެވެ.
އެ އިސްލާހަށް ޕީޕީއެމް/ޕީއެންސީގެ ތާއީދު އެބައޮތް ތޯ ސުވާލު ކުރުމުން ސަލީމް ވިދާޅުވީ، ސިޔާސީ މަގާމުތަކަށް އައްޔަނު ކުރަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ ދަށުން ލިބިގެންވާ ބާރުންކަމަށާއި، އެ މަގާމަކަށް އައްޔަނު ކުރާނީ މަސައްކަތް ކުރުމަށް ބޭނުންވާ މިންވަރަށް ކަމަށެވެ.
އެއްވެސް ގޮތަކަށް އިތުރަށް އައްޔަނު ކުރަނީއެއް ނޫން.. އެބޭފުޅުން ވަރަށް ބޮޑަށް އޮޅުވާލައިގެން އެ އުޅެނީ.. އެބޭފުޅުންގެ ދައުރުގައި އެބަހުރި ގާތްގަނޑަކަށް 1،500 އެއްހާ މަގާމުތައް އުފައްދާފައި… އަޅުގަނޑުމެންގެ މިއުޅެނީ 500 ވެސް ހަމަނުވެގެން.. ދެން ހަމަ ފާޑުފާޑު ވާހަކަތައް ދައްކަމުން މިދަނީ ރައްޔިތުންނަށް އޮޅުވާލަން.. އެބޭފުޅުން ސިޔާސީ މަގާމުތަކަށް ހޭދަކުރި ފައިސާއާއި ގާތް ކުރާ އަދަދަށް ވެސް އަޅުގަނޑުމެންނެއް ހަރަދެއް ނުކުރަން.. ނުވެސް ވާނެ.. ކުރީ ސަރުކާރު ގޮތަށް މަސައްކަތް ކުރާނެ، ގޮނޑި މޭޒު ނެތި އުޅޭބައެއް ނުތިބޭނެ މި ސަރުކާރަކުއެއް..
ސަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށް ވުރެ މަތިވާނެކަމަށާއި މި ސަރުކާރު އަދި އެ އަދަދާ ގާތް ވެސް ނުކުރާކަމަށެވެ. ހާއްސަކޮށް ކުރިން މަސައްކަތެއް ނެތި، ސޮއި ކުރުމަށް ފަހު ގެއަށް ދާން ޖެހޭ ގޮތަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރިނަމަވެސް މި ސަރުކާރުގައި ތިބޭނީ ސަލީމް ވިދާޅުވި ގޮތުގައި ގޮނޑި ހޫނު ކުރާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތްކޮށް، ނަތީޖާ ނެރޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
އެހެންކަމުން، މިވަގުތު މަޖިލީހަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ހުށަހެޅުމަށް ގަސްތު ކުރާ ސިޔާސީ މަގާމުތައް ލިމިޓު ކުރުމަށް ތާއީދެއް ނުކުރާނެކަމަށް ސަލީމް ވިދާޅުވި އެވެ.

