ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހުއްޓުވުމުގައި ދިވެހިރާއްޖެ ވަނީ ނުކުޅެދުންތެރިވަފަ: ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް

ޓްރާންސްޕޭރަންސީ މޯލްޑިވްސް ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ލޯންޗުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމުގައާއި ތަހުގީގުކުރުމުގައި އަދި ދައުވާކޮށް އިންސާފުނުުލިބި ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ރާއްޖެީިވަނީ ނުކުޅެދުންތެރިވެފައި ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން މިއަދު އާންމުކޮށްފައިވާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) 2023 އިން ދައްކާގޮތުގައި ދިވެހިރާއްޖެވަނީ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހިރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައެވެ.

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ ” ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް”އަކީ އެކި ޤައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ޤަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ އިންޑެކްސްއެކެވެ.

ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު 1 އިން 100 އަށް ގިންތިކުރާ މި އިންޑެކްސްއިން ދައްކުވައިދޭ ގޮތުގައި 0 (ސުމެއް) އެއީ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ގިނަ ކަމަށް ޤަބޫލުކުރެވޭ، އަދި 100 (ސަތޭކަ) އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދުކަމަށް ޤަބޫލުކުރެވޭ މިންވަރެވެ. 2023 ވަނަ އަހަރުގެ ސީޕީއައިގައި 180 ޤައުމު ހިމަނާފައިވާއިރު ދިވެހިރާއްޖެއަށް ލިބިފައިވާ ސްކޯރ އަކީ 39 ކަމުން، ދިވެހިރާއްޖެ ރޭންކު ކުރެވިފައިވަނީ މިއިންޑެކްސްގެ 93 ވަނައިގައެވެ.

ސީޕީއައި ސްކޯރ މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ. ރާއްޖޭގެ 2023 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.

2023 ވަނައަހަރުގެ ސީޕީއައި ސްކޯއިން މިހާމަވެގެންދަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ތައާރަފްކުރެވިފައިވާ ޤާނޫނުތަކަށް އަމަލުކުރުމުގައި އަދި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަމެވެ.

ފާއިތުވި އަހަރުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމުގައާއި ތަހުގީގުކުރުމުގައި އަދި ދައުވާކޮށް އިންސާފުނުުލިބި ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް އަދިވެސް ރާއްޖެީިވަނީ ނުކުޅެދުންތެރިވެފައެވެ. ސީ.ޕީ.އައިގެ މެދުމިނުގެ ގިންތިގެ ގައުމުތަކަކީ ނިޒާމުގެ ގިނަ މައްސަލަތައް ހުރި, ބޮޑެތި ނުވަތަ ގްރޭންޑް ކޮރަޕްޝަން އަދި އިސް މަގާމުތަކުގައި ތިބޭ މަދު ބައެއް ނުހައްގުން މުއްސަނދިވެ, ގިނަ ބަޔަކަށް އޭގެ އަސަރުކުރާފަދަ ހިޔާނާތުގެ އަމަލުތައް ގިނަ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ޕެޓީ ކޮރަޕްޝަން ފަދަ އަމަލުތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަކުން ދެމެހެއްޓެނިވި ނަތީޖާއެއް ނުފެންނަކަން ފާހަގަވެއެވެ.

2023ގެސީ.ޕީ.އައިގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ، އަދުލު އިންސާފުގެ ނިޒާމުތައް ބަލިކަށިވެގެންދާ ދިޔުމަކީ ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވަން އޮތް ފުރުސަތު ކުޑަވެ، ކޮރަޕްޝަން އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްބެލެވެއެވެ. ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަކުރުމަށްޓަކައި ކޮރަޕްޝަންގެ ކުށްތަކަށް އެކަށީގެންވާ އަދަބުދީ،ފާރަވެރިވެވޭނޭ ނުވަތަ ޗެކް އެންޑް ބެލެންސް ކުރެވޭނޭ ނިޒާމުތައް ހަރުދަނާކޮށް, އަދުލު އިންސާފު ނެގެހެއްޓުމުގެ ޒިންމާ ދެވިފައިވާ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމާއި، ވަސީލަތްތަކާއި އަދި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމަށް ސަރުކާރުން ތަންދޭންޖެހޭނެއެވެ. އަދި، އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތައް ކޮރަޕްޝަންގެ އަމަލުތަކުން ރައްކާތެރިވެ، ކޮރަޕްޝަން ނައްތާލުމަށް ސީދާ އަމާޒުކުރެވިގެން ހަރުދަނާ އިޖުރާއަތްތަކާއި ގާނޫނުތައް ތައާރަފް ކުރަން ޖެހެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ޓްރާންސްޕޭރެންސީގެ ފަރާތުން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ. އެއީ

● އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ހަރުދަނާކުރުން: އަދުލު އިންސާފުގެ ނިޒާމު ނުފޫޒުން ސަލާމަތްކުރުމަކީ އެ ނިޒާމު ހިންގުމަށް އެންމެ މުހިންމު ކަންތަކެވެ. މިގޮތުން މިނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަކީ ވަކި ސިޔާސީ މަގުސަދަކަށް އައްޔަންކުރެވޭ ބައެއްގެ ބަދަލުގައި, މަގާމަށް ބޭނުންވާ ތައުލީީމާއި ތަޖުރިބާލިބިފައިވާ ގާބިލު މީހުންކަން ކަށަވަރުކުރުމަށް މެރިޓް ބޭސްޑް އުސޫލުން މީހުން އައާޔަނުކުރުން. އަދި މިނިވަންކަމާއި އެކު ގާނޫނުތައް ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ލިބޭކަން ކަށަވަރު ކުރަންޖެހެއެވެ.

●  ނަޒާހަތްތެރިކަމާއި މޮނިޓަރިންގެ ނިޒާމު ތައާރަފްކުރުން: އަދުލު އިންސާފުގެ ނިޒާމުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެެ ޒިންމާ އަދާކުރުމަށް ދެވިފައިވާ ހާއްސަ ހިމާޔަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެކަން ކަށަވަރުކުރުން މުހިންމެވެ. މިގޮތުން ނުފޫޒުން ރައްކާތެރިކަން ހޯދައިދިނުމަށާއި ބިރުދެއްކުން ހުއްޓުވުމަށް ވިސްލްބްލޯކުރުމާއި ރިޕޯޓިންގ ޗެނަލްތައް ހަރުދަނާ ކުރުން މުހިންމެވެ. އަދި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މުދަލާއި މަސްލަހަތު ހާމަކޮށް، އެފަރާތްތަކަށް ކަނޑައެޅިފައިވާ މުސާރަތަކަކީ އެފަރާތްތަކުގެ މަސްއޫލިއްޔަތާއި އެކަށީގެންވާ އުޖޫރައެއްކަން ކަށަވަރުކުރުން ހިމެނެއެވެ. މިފުރުސަތުގައި ދައުލަތް އިސާފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޑްރާފްޓްކޮށް މިހާރު މަޖުލީހުގައި ތާވަލުކުރެވިފައިވާ މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމާއި ބެހޭ ބިލު ފާސްކުރުމަށް ތަކުރާރުކޮށް ގޮވާލަމެވެ.

● އަދުލު އިންސާފަށް ފަސޭހައިން ވާސިލްވުން: އަދުލު އިންސާފު ލިބުމުގެ ހައްގު ރައްޔިތުންނަށް ހަމަހަމަކަމާއި އެކު ހޯދައިދީ މިހައްގު ހިމާޔަތް ކުރުމަކީ އަދުލު އިންސާފު ގާއިމުކޮށް، ފަސާދައާ ދެކޮޅަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މި މަޤްޞަދު ހާސިލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ތަންފީޒުކުރަން އުދަގޫ އިޖްރާޢަތްތައް ފަސޭހަކުރުމާއި، ޤާނޫނީ މަރުޙަލާތައް ބޭނުންކުރުމުގައި ހަމަހަމަ ފުރުސަތު އެންމެންނަށް ފޯރުކޮށްދިނުމާއި، ކޮރަޕްޝަން މާނަކުރުމުގައި ކޮރަޕްޝަންގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުން ބޭރުގެ ފަރާތްތައް ހިމެނުމާއި, ކަރަޕްޝަންގެ އަމަލުތަކާއި ގުޅޭ ޖިނާއީ، މަދަނީ އަދި އިދާރީ މައްސަލަތައް ބަލަން ފެއްޓުމުގެ އިހުތިޔާރު ޤާބިލު މަދަނީ ޖަމްއިއްޔާތަކަށް ހުޅުވާލާ އަދި ކޮރަޕްޝާނުގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ މަސްލަހަތު އިސްކުރުން މުހިންމެވެ.

● އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހާމަކަންބޮޑު އަދި ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުން: އަދުލު އިންސާފުގެ ނިޒާމުގެ މަސައްކަތްތައް މިހާރަށް ވުރެ ހާމަކަންބޮޑު ގޮތެއްގައި ބައްޓަންކުރެވުމުން އެފަރާތްތައް ޒިންމާދާރު ކުރުވުމަށް މަގުފަހިވެގެންދާނެއެވެ. ތަންފީޒުކުރުމާއި، ހުކުމްތަކާއި، ކޯޓުން ބޭރުގައި ކަންކަން ނިންމުމާއި، ގާނޫނީ އިޖުރާއަތާއި އިދާރީ ގަވާއިދުތަކާ ބެހޭ މުހިންމު މައުލޫމާތުތައް އާންމުކުރުމާއި, ފަސޭހައިން ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖެއްސުމަކީ، ކޮރަޕްޝަން ހުއްޓުވުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ހަދާ ގާނޫނުތައް ރަނގަޅަށް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

● ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލުކަމާއި ވަސީލަތްތައް ހަރުދަނާކޮށް، ފުރިހަމަ، ދެފުށް ފެންނަ ގޮތަށް ކަނޑައެޅިފައިވާ ވަގުތުގައި ތިހުގީގުކޮށް، ދައުވާކުރުން: އެންޓި ކޮރަޕްޝަން އޮތޯރިޓީތަކާއި، އޮވަރސައިޓް މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މިންވަރަށް ފައިސާއާއި ވަސީލަތްތަކާއި މިނިވަންކަން އޮންނަންޖެހެއެވެ.

● އިންސާނީ ހައްގުތަކާއި ވަކިން ހާއްސަކޮށް ހިއުމަން ޓްރެފިކިން އާއި ވިސްލްބްލޯއިންއާ ގުޅުންހުރި ގާނޫނުތަކާއި ޑިމޮކްރަސީ ދިފާއުކުރުމަށް މަދަނީ މާހައުލު ފަހިކޮށްދިނުމަކީ އޭގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން, ސަރުކާރުވެސް ހިމެނޭހެން, އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ބާރުއަޅާދެވޭނޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: