މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނަތީޖާތައް އަދިވެސް އިއުލާނު ނުކުރާތީ އެކަމާ ގުޅިގެން ކެންޑިޑޭޓު ނަން އަނބުރާ ގެންގޮސްފި އެވެ.
ދެ މަސް ދުވަސް ވެގެން ދިޔަ އިރު ވެސް ޒުވާނުންގެ ގޮފީގެ ނަތީޖާތަކުގެ ތަފްސީލު ނުލިބޭތީ، އެކަމަށް އެކި ފަހަރު މަތީން އެ ޕާޓީގެ ޒުވާނުން ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. އެކަމަކު އެދެވޭ އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ނަން އަނބުރާ ގެންގޮސްފައި ވަނީ ޔަންގް ޑެމްސްގެ ލީޑަރަކަށް ވާދަކުރި ޔޫސުފް ޝާހު އެވެ. އޭނާއާއި އެކު ޑެޕިއުޓީ ޔަންގް ލީޑަރަކަށް ވާދަކުރި ފިތުރާ މުހައްމަދު ވެސް ނަން އަނބުރާ ގެންދިޔަ އެވެ.
ޑިމޮކްރެޓްސްގެ ނަތީޖާއާއި މެދު ސުވާލުތައް އުފެދުނީ، ވޯޓުގެ ނަތީޖާ އޮޅުވާލިކަމަށް ކުރި ތުހުމަތުތަކާއި އެކު އެވެ. އެ ސުވާލު އެގޮތަށް އުފެދުނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އިތުރަށް އެ ވޯޓު ފޮށިތަކުގައި ވޯޓުލިކަމަށް ކަރުދާސްތައް ހުރުމުންނެވެ.
އެހެންވެ ޝާހު، އާއި އެހެން މެމްބަރުން ހުށަހެޅި ޝަކުވާތަކަށް ޑިމޮކްރެޓްސް ނިންމީ ނަތީޖާތައް ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށެވެ. އެކަމަކު އެ އިއުލާނާ އެއްގޮތަށް އަދިވެސް އިންތިހާބު ބާއްވާފައި ނުވާތީވެ ޒުވާނުންގެ ގޮފީގެ މެމްބަރުން ވަނީ އެކަމުގެ ޝަކުވާތަކުގެ ޕޯސްޓުތައްކޮށްފަ އެވެ.
ސިޔާސީ ޕާޓީއެއްގައި, ޒުވާނުން ބާރުވެރިކުރުމަކީ ކޮބައިކަން މާނަކޮއްދީ, ތަރުތީބުކޮއްދޭން އިންނަ ގުނަވަނަކީ ޒުވާނުންގެ ބޮޑީ. އެ ޒުވާނުންނަށް އެކަން އޮޅިގެން ނުވާނެ.
ޔަންގް ޑެމްސްއަކީ ޕާޓީ ރަޖިސްޓްރީ ކުރުމުގެވެސް މާކުރީ ހިންގައިގަތުން ގުނަވަނެއް. މި ހުއްޓުމުން އަރައިގަންނަންޖެހޭ. https://t.co/O4CKBPaUz3 pic.twitter.com/Sev3SKkkOW
— Shaah (@YoosufShaah) February 4, 2024
ނަން އަނބުރާ ގެންގޮސް އެކަން ރަސްމީކޮށް ޕާޓީއަށް އަންގައި ޝާހު ފޮނުވި މެސެޖުގައި ވަނީ ޑިސެމްބަރު 02 ގައި އޮތް ޕާޓީގެ ޔަންގް ޑެމްސް ލީޑަރު، އަދި ނައިބު ލީޑަރުގެ އިންތިހާބުގެ ނަތީޖާ އިންތިހާބު ނިމި ދެ މަސް ދުވަހަށް ގާތަށް ދިޔައިރު ވެސް އިއުލާނު ކުރެވިފައި ނުވާކަމަށެވެ. އަދި ބާތިލު ކުރި 14 ފޮށީގެ އިންތިހާބު އަލުން ބޭއްވޭނެ ތާރީހެއް ވެސް ޕާޓީން އިއުލާނުކޮށްފައި ނުވާއިރު، އެއީ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރި އެވެ.
ޝާހު އިތުރަށް ބުނެފައި ވަނީ މިއީ ވަކި މީހެއްގެ މަސްލަހަތަށް ވުރެ ބޮޑުކަމަކަށްވީއިރު ޕާޓީގެ ޒުވާނުންގެ ގޮފި މިގޮތަށް ހުއްޓި ޑެޑްލޮކެއްގެ ތެރޭ އިތުރަށް އޮންނަން ބޭނުން ނުވާކަމަށެވެ. އެހެންވެ އިތުރަށް އެ ހާލަތު ދެމިގެން ދިއުމުގެ ހާލަތަށް ނިމުމެއް ގެނައުމަށް ނަން އަނބުރާ ގެންދަނީކަމަށް ޝާހުގެ ލިއުމުގައި ވެއެވެ.
ޔަންގް ޑެމްސްގެ އިންތިހާބު ބޭއްވުނުތާ މިއަދާހަމައަށް 2 މަސް ފުރިހަމަވީ. އިންތިހާބަށް ވީނުވީ ނޭންގި 2 މަސް. ޔަންގް ޑެމްސް އަކީ ދެމީހެއްގެ މަސްލަހަތެއް ނޫން.
ޝަކުވާ ކުރެވިއްޖެ, ކެތްކުރެވިއްޖެ. މި ޒުވާން ޕާޓީގެ ޒުވާނުންގެ ގުނަވަނަކީ ސެކަންޑް ކެޓެގަރީ ބޮޑީ އަކަށްވުމަކަށް ނޭދެން. pic.twitter.com/5KpWtfat0C
— Shaah (@YoosufShaah) February 3, 2024
މިއަދު ނަން އަނބުރާ ގެންދިޔަ ޝާހު އަކީ އެ ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުނު، އަދި ހަރުގެ ޖަލްސާތަކުގައި ވެސް އިސްކޮށް އުޅުނު ޒުވާނެކެވެ. އަދި އޭނާ މިއަދު ”ސަންގު“ އަށް ބުނީ ނަން އަނބުރާ ގެންދަން ޖެހުނީ ނަތީޖާތައް ބާތިލު ކުރުމަށް ފަހު އަލުން ބާއްވަން ބުނި އިންތިހާބު ނުބޭއްވި ލަސްވާތީ ކަމަށެވެ.
ނަން އަނބުރާ ގެންދިޔަ ނަމަވެސް، ޕާޓީގެ މަސައްކަތްތަކުގައި ދެމި ހުންނާނެކަމަށް ޝާހު ބުންޏެވެ.
ނަތީޖާތައް އިއުލާނު ކުރި ދުވަހު، ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ވޯޓު ފޮށިތަކުގައި މައްސަލަތައް ދިމާވީ އިންތިހާބު އިންތިޒާމު ކުރުމުގައި ހުރި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.
އޭރު ނަތީޖާތައް ދައްކާގޮތުގައި އިންތިހާބު ކާމިޔާބު ކުރީ ލީޑަރުގެ މަގާމަށް މުހައްމަދު މާސިހު އަދި ނައިބަކަށް މުހައްމަދު އަޒްވަރު އެވެ.
މިއަދު ޕާޓީގެ ޒުވާނުންގެ ގޮފީގެ މެމްބަރުންގެ ނުރުހުން ފާޅުކުރަން ފެށީ ޕާޓީގެ ރައީސްގެ ކައުންސިލް އެކުލަވާލިއިރު އޭގެ ތެރޭގައި ޔަންގް ޑެމްސް ނުހިމެނޭތީ އެވެ. ޒުވާނުން ވަނީ ޕާޓީގެ އިންތިހާބަށް އެތައް މަސައްކަތެއް ކެންޑިޑޭޓުން ކުރިކަމަށާއި އަދި ކެމްޕެއިނަށް އަމިއްލަ ހަރަދުތައް ކުރިކަން ވެސް ފާހަގަކޮށްފަ އެވެ.
އެހެންކަމުން ޒުވާނުން ބިނާކޮށް، ޒުވާނުންނަށް ފުރުސަތުތައް އޮންނާނެކަމަށް ބުނުމަށް ފަހު އެ ހާލަތު ބަދަލުވާން ވީ ސަބަބާ މެދު އެ ޒުވާނުން ސުވާލު އުފެއްދި އެވެ.

