ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވައި، ރައްޔިތުންނަށް ހިދުމަތް ދެއްވާނަމަ އަޒުލު ކުރުމުގެ އަޑާއި އެކު އެހާ ބޮޑަށް ސިހުން އަންނަން ވީ ކޮން ސަބަބަކާއި ހުރެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ވަގުތާ ދިމާވަނީ، ވަޒީރުންނަށް ރުހުން ހޯދުމަށް ތާވަލު ކުރުމުން އެމްޑީޕީގެ ވޯޓާއި އެކު ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްވި ވަގުތާ އެވެ. އޭގެ ތެރޭގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ހިމެނޭއިރު، އެ އޮފީހުން އާންމު ކުރި ބަޔާނުގައި ވާގޮތުގައި މައްސަލަ ހުށަހެޅީ ރުހުން ދޭން އެންމެ ފުރަތަމަ ތާވަލު ކުރި ދުވަަހު އެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ) (އ) އަދި (ވ) ގައި، ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް ދީފައިވާ މާނަ ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލު ކުރުމަށް ހުށަހެޅީކަމަށް އެ ބަޔާނުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.
މި މައްސަލަ ކޯޓުން ބަލައިގަނެ ނެރުނު ވަގުތީ އަމުރުގައި އެ ކޯޓުން ބުނެފައިވާގޮތުން މީގެ ކުރިން މެމްބަރުންގެ އަދަދުތައް ގުނާފައިވަނީ ގާނޫނުގައިވާގޮތެމަތިންކަމަށްވުމުން ސަރުކާރުން ހުށައަޅާފައިވާ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލުތައް މަޖިލީހުން ދަމަހައްޓަންޖެހޭނެކަމަށެވެ. ސުޕްރީމް ކޯޓުގެ މި އަމުރު ބިނާވެފައިވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ރައުޔުގެ މައްޗަށްކަމަށްވާއިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދުވަނީ އެ ރައުޔުއަށް ތާއީދުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމުގެ އަޑުތަކާއި އެކު މުޅި ސަރުކާރާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޑިފެންސަށް ފައިބަން ނުޖެހޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އިހުލާސްތެރި މަސައްކަތެއް ކުރާ ބަޔަކު ސިޔާސީ ގޮތުން އަންނަ އުންޑައަކަށް ޖެހިލުން ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނެ ގޮތުގެ އިޖުރާއަތްތަކާއި އޭގެ ތަފްސީލުތައް ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި އެއީ ދުލުން ބުނެލަސް ފަސޭހަކަމެއް ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ބަލައި ފަސޭހަ މަސައްކަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ކޮންމެހެން ބަޔަކު ހިތަށް އަރާހާ ފަސޭހައިން ކުރެވޭނެކަމެއް ނޫން.. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަންތަކެއް އެބަ ފެންނަން ޖެހޭ.. ރައީސް މަގާމަށް ކުފޫ ހަމަ ނުވާ، އެހެން ނޫނީ ހިދުމަތް ދިނުމުގައި އެކަށީގެން ނުވާ ކަންކަން.. ރައީސުލްޖުމްހޫރިއްޔާ ދެކޮޅަށް މޯޝަނެއް ފަށަން މިކަންކަން އެބަ ޖެހޭ ހުންނަން.. އެކަމާ ހަމަ އެހާ ސިހުން ވާން ޖެހޭތޯ؟.. އެއްވެސް މީހަކު ރައީސްގެ މަގާމަށް އަންނަނީ މަގާމުގައި ބަގުޑި ބައްދައި ތިބޭކަށެއް ނޫން..
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބުނަމުން ދާގޮތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދަނީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަކަމާއި އެކު އެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށް ކުރިޔަށް މަޝްރޫއުތަކެއް ރޭވިފައި ހުރި ނަމަ، ނުވަތަ އެ ޕްރޮޖެކްޓެއް ކުރިޔަށް ދާނަމަ އަޒުލު ކުރުމުގެ ބަހާއި ދެކޮޅަށް އެހާ ކަންބޮޑުވާން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މުޅި ސަރުކާރު އޮތް ގޮތަށް ޑިފެންސަށް ފައިބަން ޖެހޭނީ، ގޯސްތަކެއް ވާތީ ނުވަތަ ހިދުމަތްތައް ނުދެވޭކަން ކޮންމެވެސް މިންވަރަކަށް ގަބޫލު ކުރެވޭތީ ނޫން ތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.


One Response
މަނިކުފާންތީ އެންމެ ތެދުވެރި މީހާކަން ސާބިތުވެފަ އޮތީ އެމް އެމްޕީއާރުސީގެ ކަންތަކުން ވެސް އިތުރަށް ވާހަކަ ނުދައްކަވާ އިންނެވިއްޔާ ރަގަޅު ވާނީ