ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން މަހުގެ އަގު ފަންސަވީހަށް ބޮޑު ކުރީ ސިޔާސީ ބޭނުމަކަށް، ކުރި ދިރާސާއެއް ނެތި: ޝިޔާމް

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ވޯޓުގެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަހުގެ އަގު 25 ރުފިޔާއަށް ބޮޑު ކުރީ އެއްވެސް ދިރާސާ ކުރުމެއް ނެތި ސިޔާސީ ބޭނުމެއްގައިކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް މަހުގެ އަގު އޭރު 17 ރުފިޔާގައި ހުއްޓައި ބޮޑު ކުރީ 25 ރުފިޔާއަށެވެ. މި ނިންމުމާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަށް ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ލަސް ނުކޮށް ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސް ކުންފުނި މިފްކޯ ބަނގުރޫޓުވިޔަ ނުދިނުންކަމަށްވުމާއި އެކު މަހުގެ އަޑު ކުރުމަށް ނިންމާފައިވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޔައުގޫބް މިނިސްޓަރާ ސުވާލު ކުރީ، އެމްޑީޕީގެ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލު ސަރުކާރުން ރިވައިސް ކުރުމުގެ ވިސްނުން ގެންގުޅޭކަމުގެ އަޑުއިވިފައިވާތީ އެކަން ސާފުކޮށްދޭންށެވެ. ޖަވާބުގައި ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައި ވަނީ އެކަމަށް ބޭނުންވާ އެއްވެސް ދިރާސާއަކާ ނުލައި ކަމަށެވެ.

އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގައި ވޯޓު ހޯދުމަށް ކުރިކަމެއްގެ ގޮތުގައި ޝިޔާމް ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އޭރު ވެސް ގަބޫލު ކުރިގޮތުން އެއީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރި އިއުލާނެކެވެ.

އަޅުގަނޑުމެން ވިސްނުން ގެންގުޅެނީއެއް ނޫން، މިހާރު އަޅުގަނޑުމެން.. މަހުގެ އަގު މިވަނީ ބަދަލުކޮށްފަ.. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޭރު އެމަނިކުފާނުގެ ސަރުކާރުން މިފްކޯއަށް ގަންނަމުން ދިޔަ މަސް 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ކުރެއްވި ކުރެއްވުން އަޅުގަނޑުމެން އޭރު ވެސް މިހާރުވެސް ދެކެނީ އެއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި.. އެ ނިންމުން ސަރުކާރުން އިއުލާނު ކުރީ ރިޔާސީ އިންތިހާބާ، ދެވަނަ ބުރުގެ ވޯޓާ ދެމެދު، އެ ބަދަލަކީ ސިޔާސީ އެއްވެސް ވަރެއްގެ ދިރާސާއެއް، އަދި ހެޔޮ ނިޔަތެއްގައި ކުރިކަމެއް ނޫން..

ޝިޔާމް ވިދާޅުވީ މަސްވެރިންގެ އަތުން މިފްކޯއަށް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އޭރު އެގޮތަށް އެމަނިކުފާނު ވިދާޅުވީ މިފްކޯ ހިންގެވުމުގައި ހަރުދަނާކަމެއް ގެންނަން ބޭނުންވާތީކަމަށް ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ލަސްވާތީ، އެކަމަށް ތަކުރާރުކޮށް އަންނަ ޝަކުވާތަކަށް މިއަދު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ފައިސާ ލަސްވުމަކީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ނުކުރެވިދާނެ ސަބަބެއް ކަމަށެވެ. އޭގެ ސަބަބުން އާއިލާތަކަށް ހަރަދުތައް ކުރުމުގައި އެތައް ގޮންޖެހުންތަކާއި ދިމާވާނެކަމް ގަބޫލި ކުރާކަމަށާއި އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތިކަމެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުން މި ޝަކުވާތައް އަޑުއަހައި ހައްލު ގެނެސްދޭނެކަމަށް ވައުދުވެ، ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާއި ހަވާލުވެ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދެއްވައިގެން މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއި އެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 21%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: