ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ކާމިޔާބު ކުރަން ސަރުކާރުން ދަނީ އަޅުގަނޑުގެ ނަން ބޭނުން ކުރަމުން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އަނެއްކާވެސް އެމަނިކުފާނުގެ ނަން ބޭނުންކޮށް، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ގޮނޑިތައް ކާމިޔާބު ކުރަން މަސައްކަތް ކުރަމުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ބާއްވާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ، ތަކުރާރުކޮށް ބައިވެރިވެ އެމަނިކުފާނު މިނިވަން ނުކުރާ ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ. އެ ވެރިކަމަށް ގެނައުމަށް ރައްޔިތުން އެންމެ ބޮޑަށް މަސައްކަތް ކުރީ އެމަނިކުފާނުގެ ހައްގުގައި ނަމަވެސް ގޭބަންދުގައި ހުންނަވައި އެތައް ދުވަހެއް ވެގެން ދަނީ ސަރުކާރުން އެގޮތް ބޭނުން ނުވާތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އިންތިހާބުގައި ދޭ ވޯޓަކީ ރައީސް ޔާމީން މިނިވަން ކުރުމަށްދޭ ވޯޓެއްކަމަށާއި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނެ އަމާޒަކީ އެއީ ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ނުހައްގު ހުކުމެއްގައިކަމަށްވުމާއި އެކު އިންސާފު ހޯދައިދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޖެހުނު މައްސަލަތަކާއި އެކު ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށީ އެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އުފައްދާ އެ ޕާޓީގެ ތާއީދުގައި މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުން ވެސް ވާދަކުރެ އެވެ.

ރޭ ޕާޓީ އޮފީހުގައި އޮތް ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އައުމަށް ވެސް ބުނަމުން ދިޔައީ އެމަނިކުފާނު މިނިވަން ކުރުމުގެ ވާހަކަތައް ކަމަށެވެ. އަދި މިހާރު އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވިސްނައިދެމުން ދަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކޮށް ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކަތައް ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން އެކަން ރައްޔިތުންނަށް ވިސްނައިދީގެން، މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާރު އަޅުގަނޑުމެންގެ ފިކުރު މީހުންނަށް ވިސްނައިދެމުން ދަނީ މިވަނީ ރައީސް ޔާމީން ކޯޓުގެ ތެރެއިން މިނިވަން ކުރެވެން އަންނަނީ މަޖިލީގެ އަޣުލަބިއްޔަތުންނޭ.. އެ ލިބިގެންނޭ، ޖޭއެސްސީ ތިމްނަނާމެންނަށްލިބިގެން ދެން އެހާ ހިސާބުންނޭ ރައީސް ޔާމިން މިނިވަން ކުރެވެން މި އަންނަނީ..

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތަކުރާރުކޮށް، ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެކަމުގެ ރައްދުގައި ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދުލު އިންސާފާއި، ހިންގުމުގެ ދާއިރާއަށް އެއްވެސް ވަރަކަށް ބާރު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަކީ، ރައީސުލްޖުމްހޫރިއްޔާއާއި މުޅިން ވަކިކޮށްފައިވާ ދާއިރާއެއްކަމަށާއި އެކަމަކު އެކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެކަމަށް ސަރުކާރުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާތީކަމަށެވެ.

ޕީއެންއެފްގެ އޮފީހުގައި ރައީސް ޔާމީން ބައްދަލުވުންތައް ބާއްވާއިރު، އަދިވެސް ހުންނެވީ ޝަރުއީ ހުކުމެއްގެ ގޭ ބަންދުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ކަރެކްޝަނަލް ސާވިސްއިން ތަކުރާރުކޮށް އެމަނިކުފާނަށް އިންޒާރު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: