ހިއްސާއެއްގެ ވިޔަފާރީގައި ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އޭނާގެ ބައެއް ކުންފުނިތަކުގެ ނަމުގައި އަށް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތަކުން ހަ ލައްކަ އެމެރިކާ ޑޮލަރު ފްރީޒް ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
މިއީ ހަސަން އަބްދުލްހަމީދު ނަމަކަށް ކިޔާ މީހެއްގެ މިލްކެއްގެ ގޮތުގައި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ކުންފުނީގައި އޮތް 50 އިބްސއްތަ ހިއްސާ ހަތްލައްކަ ފަންސާސްހާސް ޑޮލަރަށް ވިއްކުމަށްވި އެއްބަސްވުމެއްގެ އެ ފައިސާ ދިނުމަށް ފަހު އިތުރު އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. އެހެން ނަމަވެސް ހުކުމަކާ ހަމައަށް ގޮސްފައިވަނިކޮށް ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓް ކުންފުންޏަށް މާލެ އަތޮޅުން ފަޅެއް ލިބިގެން އެ ފަޅުން ލިބޭ ފައިސާއިން ދަރަނި އެކުގައި އަދާކުރާނެކަމަށް ޖާބިރުގެ ހިއްސާ އޮންނަ ޖޭ ހޮޓެލްސްއިން އެ ފައިސާ ދެއްކުމަށް ޖާމިނުވި އެވެ.
މައްސަލައިގައި ވަނީ އެއަށް ފަހު ޖާބިރު، ދަރަނި ސާބިތުވުމުގެ ކުރިން މައްސަލަ ޝަރީއަތުން އަނބުރާ ނަގައިދިނުމަށް އެދުމުން އެ މައްސަލަ ޝަރީއަތުން ނަގައި އޭގެ ފަހުން ޓްރެވެލް ކޮންސަލްޓެންޓު ކުންފުނިން އެއްބަސްވި ގޮތަށް، 21، ޑިސެމްބަރު 2023 ގައި ފަޅު ވިއްކައިގެން 15 މިލިއަންގެ ޑޮލަރު ލިބުމުން އެއްބަސްވެފައިވާ ހަ ލައްކަ ޑޮލަރުގެ ބަދަލުގައި އެ ލުންފުނީގެ ޗެކުން އެއްލަކަ ޑޮލަރު ހަސަންއަށް ދިން ކަމަށެވެ. އެކަމަކު ބާކީ އަދަދު ހޯދުމަށް އެދުމުން، ހުތުރު ބަސްތައް ބޭނުން ކުރުމަށް ފަހު އެ ފައިސާ ނުދޭނެކަމަށް ޖާބިރު ބުނެފައިވާ ކަމަށެވެ.
އެހެންވެ މި މައްސަލައިގައި އެދިފައި ވަނީ ޖާބިރުގެ ކިބައިންނާއި، އެ ފައިސާ ދެއްކުމަށް އެއްބަސްވެ ޖާމިނުވެފައިވާ ޖޭ ހޮޓެލްސް އަދި، ޓެވެރެލް ކޮންސެލްޓެންޓުން މި ފައިސާ އެކީ އެއްފަހަރާ ހޯދުމަށާއި އެއްބަސްވުމުގެ ދަށުން ވ. ބޮޑުމޮހޮރާގައި ގާއިމު ކުރާ ރިސޯޓުގެ ޑައިވިން ސްކޫލު ހިންގުމުގެ ހައްގު ލިބިގެންވާކަމަށެވެ.
ހުކުމުގައި ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނަށް ފަހު ހުކުމް ތަންފީޒު ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކުގެ ސަބަބުން އަރަނިވެރިންނަށް ފައިސާ ލިބުން މުސްތަހީލުވެފައިވާ ކަމަށެވެ. އެހެންކަމުން މައުޟޫއީ ދައުވާގައި ހޯދުމަށް އެދޭ ފައިސާއިން ތަސައްރަފު ކުރުން ހުއްޓުވުމުގެ ފުރުސަތު އޮތްކަމަށް ވާނަމަ އެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި އެއީ އިންސާފު ގާއިމުކުރުމަށް ކޮންމެހެން ވެސް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް ހުކުމުގައި ވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޝަރީއަތުން ގޮތެއް ކަނޑައަޅަން ދެން ޖާބިރާއި، އެނާ ކުންފުނިން ހަބީބް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކުގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، ބޭންކް އޮފް ސިލޯން އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި ދަ މޮރިޝަސް ކޮމާޝަލް ބޭންކު، ހޮންކޮނގ އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ އެކައުންޓުގައި 6 ލައްކަ ޑޮލަރު ނުވަތަ 6 ވުރެ މަދު އަދަދެއް ހުރިނަމަ އެ އަދަދު އެއްކޮށް ފްރީޒްކޮށްފައި ބެހެއްޓުމަށެވެ.
މި މައްސަލައިގެ އަމުރު ނެރެފައި ވަނީ ދައުވާ ލިބޭ ކުންފުންޏާއި ޖާބިރުގެ ޣައިރު ހާޒިރުގަ އެވެ. މި އަމުރު ކޯޓުގައި ނެރުއްވީ ގާޒީ ފަރުހާދު ރަޝީދެވެ.

