މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ” މޮސްކު މެނޭޖްމެންޓު ޕޯޓަލް” ޤާއިމުކޮށް އިފްތިތާހްކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމްއެވެ.
މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ޙާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެއާއެކު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަތައް ވަގުތުން ރިޕޯޓުކުރެވިގެންދާނެއެވެ.
މިސްކިތްތަކާ ބެހޭ ގޮތުން ރިޕޯޓުކުރެވޭ އެކިއެކި މައްސަލަތައް ވަގުތުން ހައްލުކުރުމަށް، ކައުންސިލްތަކަށް ބާރު އެޅުމަށްޓަކައި، ކައުންސިލްތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް ޒަރީޢާއިން ހަމަޖެހިގެންދާނެއެވެ.
ކުރިޔަށް އޮތް ރަމަޟާންމަހަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތްކުރުމުގެ އަގު ވަނީ 15 މިލިޔަނަށް އިތުރުކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.