ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައި އޮތް ވެރިކަމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކިތަންމެ މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޮޅުވާލައި ދޮގު ހެދުމުގެ ސަބަބުން، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަމަށް ބުނެ މަޖިލީހުގެ ތެރޭގައި އެމްޑީޕީން ދަނީ ރައީސް މުއިއްޒަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. ސަރުކާރާއި ދެކޮޅަށް ގަރާރުތަކާއި ބިލުތައް ހުށަހަޅަމުން ގެންދާއިރު އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގައި ބޭނުންވާ މެމްބަރުންގެ އަޣުލަބިޔަތު ގުނުމުގެ އިސްލާހު ހިމެނެ އެވެ. އެކަމަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވެސް ވިދާޅުވީ، ސަރުކާރަށް 14 ހަފްތާ ނުވަނީސް ޖެއްސުންކޮށް އުނދަގޫ ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތްކަންތަކެއް މައްޗަށް ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވައުދުތައް ފުއްދައި، ހިދުމަތްތައް ކުރައްވާނެކަމަށް ވިދާޅުވި އެވެ.
ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި ރ. އިނގުދައިދޫއަށް ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހުގެ ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވަނީ ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވާފަ އެވެ. އެމްޑީޕީން ސަރުކާރުގެ ޝިއާރުތަކަށް ދޭ ރައްދުތަކަށް އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައްޔިތުން ”އަނެއް ދިވެހި ރާއްޖެއަށް“ ދާން ބޭނުން ނުވާ ކަމަށެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ”ދިވެހިންގެ ރާއްޖެއަށް“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ގޮތުގައި، އަނެއް ދިވެހިންގެ ރާއްޖެއަކަށް މިސްރާބު ޖެހުމުން ކުރިމަތިލާން ޖެހެނީ މުސްލިމުންގެ ލޮލުން ދެކެން ބޭނުން ނުވާ، ކަންފަތުން އަޑުއިވެން ބޭނުން ނުވާ އެތައް އަޑަކާއި މަންޒަރުތަކެވެ. އެހެންވެ އެ ސަބަބުތަކާއި ހުރެ، ދިވެހިން ބޭނުންވީ ދިވެހިންގެ ރާއްޖެއެއްކަމަށާއި، އެއީ ރައްޔިތުންނަށް އަޅާލާ ވެރިންތަކެއް ތިބި ޝަރުއީ ނިޒާމަށް އަތް ނުބާނާނެ އިސްވެރިންތަކެއް ތިބި ގައުމެއް ހޯދުމަށް ފެށި މަސައްކަތެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް ދާ، ދިވެހިންގެ ރާއްޖޭގައި އޮންނާނީ ހިތްހަމަޖެހުމާއި އުފާވެރިކަންކަމަށާއި، އެއީ ފުދުންތެރި ދިރިއުޅުމަކަށް ވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަން ކާމިޔާބު ކުރެވެން އޮތީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ގައުމީ ލޭ ހިނގާ މެމްބަރުންތަކެއް މަޖިލީހަށް އިންތިހާބުވެގެންންނެވެ. އަދި އެއީ ސަރުކާރުގެ ކެންޑިޑޭޓުންކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ އިދިކޮޅު އެމްޑީޕީން ގެންގުޅުނު ބައެއް ޝިއާރުތަކުގެ ތެރެއިން ”އަނެއް ދިވެހިރާއްޖޭގެ“ ސިޔާސަތަށް ފާޑުވިދާޅުވެ އެއީ މުޅިން އެހެން މިސްރާބަކަށް ކުރި މަސައްކަތެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެންގެ ގަނޫނު ހުއްދަ ނުކުރާ އެތައްކަމެއް ކުރުމަށް ހިތްވަރުދޭ ތަނެއްގެ ގޮތުގައި، އަނެއް ދިވެހިރާއްޖެ.. އަޅުގަނޑުމެންނަށް އަނެއް ދިވެހި ރާއްޖެ ސިފަ ކުރެވެނީ ޒުވާނުން ބިއްޖެހިފައި ތިބޭ ތަނެއްގެ ގޮތުގައި.. ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާތަނެއްގެ ގޮތުގައި.. ހަމައެއްލަމައެއް ނޯންނަ، އެ މީހަކު ހިތަށް އެރި ގޮތަކަށް، ހިތަށް އެރިކަމެއް ކުރާތަނެއްގެ ގޮތުގައި.. އެހެންވެ ދިވެހިން ނިކުތީ، ދިވެހިންގެ ރާއްޖެއެއް ހޯދަން..
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް ޖެއްސުންކޮށް، އުނދަގޫ ކުރުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ރައްޔިތުން އެކަމަށް ޖާގައެއް ނުދޭނެ ކަމަށެވެ. ހާއްސަކޮށް ވެރިކަމަށް ރަނގަޅަށް ތިން މަސް ނުވަނީސް ނިކުމެ އަޒުލު ކުރުމުގެ ވާހަކަ ދެއްކުމުން ރައްޔިތުން އެ ވާހަކަތައް ގަބޫލުކޮށްފާނެކަމަށް ހީވުމަކީ ގޯހެއްކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތެރޭގައި މިހާރު ދެކެވެމުން ދަނީ، އަދި އިދިކޮޅުން ސަރުކާރަށް ދައްކާ ބިރަކީ އަޒުލު ކުރުންކަމަށްވާއިރު އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ދައުރުގެ ބާކީ މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެފަދަ އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީއަކީ ވެރިކަމުގައި އޮތަސް، އަދި އިދިކޮޅުގައި އޮވެ ވެސް ރައްޔިތުން ބިކަ ކުރާ ޕާޓީއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރާއްޖޭގެ ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް އެމްޑީޕީން މަސައްކަތް ކުރި ކޮންމެ ފަހަރަކު ވެސް ކެރިގެން އެކަމާ ދެކޮޅަށް ތެދުވެފައިވާނެކަމަށާއި ދެން ވެސް ހަމަ އެ އުސޫލުގެ ތެރެއިން އެފަދަ މަސައްކަތްތަކާ ދެކޮޅަށް ނިކުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު މިރޭ ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން.. ރައްޔިތުން ތިބީ.. އެއްވެސް ގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރާ ގޮތަކަށް ނޫނޭ.. ރައްޔިތުން ބޭނުންވީ މި ރާއްޖޭގެ ވެރިކަމަށް ޑރ. މުއިއޒު ގެންނަން.. އެހެންވެ ވެރިކަމުގައި އެ ހުންނެވީ.. އެހެންކަމުން މަޖިލީހުގެ އަޣުލަބިއްޔަތު ތިބޭފުޅުންގެ އަތުގައި އޮތަސް އެކަމެއް ނުކުރެވޭނެ… އެހާ އަޑަށް ބަރުލާފައި ބުނާކަށް ބޭނުމެއް ނޫން، އެކަމަކު ދަންނަވަން ބޭނުން ވަނީ ހަމަ ހިލާ މި މަޖިލީހުގެ ބާކީ އޮތް ދުވަސްކޮޅުގެ ތެރޭގައި ރައީސް މުއިއްޒު އަޒުލެއް ނުކުރެވޭނެއޭ… މި ރާއްޖޭގައި ގާނޫނުގެ ބާރު ކަނޑުވާލާ ކޮންމެ ފަހަރަކު އަޅުގަނޑުމެން އޮންނާނީ ތެދުވެފައި.. އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި މި ރާއްޖޭގެ ގާނޫނުގެ ބާރު ކަނޑުވާލާ.. މި ރާއްޖޭގެ ރައްޔިތުން ބިކަ ކުރޭ
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ގާނޫނީ ވެރިކަމެއް ވައްޓާލުމަށް ޖާގައެއް ނުދޭނެ ކަމަށެވެ. ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ، ގައުމު ދެކެ ލޯބިވާކަމަށް ބުނެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު އެ ނިޔަތާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ރައީސަށް ފާޑުވިދާޅުވެ ބައެއް ބޭފުޅުން ދައްކަވާ ވާހަކައިގެ ރައްދު ވެސް ދެއްވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ހުރި ވެރިއަކަށް މިފަދަ ގޮތަކަށް ދުއްތުރާ ކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ސަރުކާރަށް އުނދަގޫ ކުރާ ތަނަކަށްވެގެން ހިދުމަތް ނުކުރެވޭނެކަމަށާއި، ކުރިޔަށް އޮތް އިންތިހާބު ސަރުކާރަށް ދޭންވީ ސަބަބުތަކަކީ މިއީކަމަށް އަބްދުއްރަހީމް ތަކުރާރު ކުރެއްވި އެވެ.
ރައީސް މުއިއްޒު ބޭނުންވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންކަމަށް އަބްދުއްރަހީމް ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރުމަށް ގަވައިދުތަކާއި އުސޫލުތަކަށް ނުގެނެވޭނީ އޭރުންކަމަށް އޭނާ ވިދާޅުވި އެވެ.

