ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކޮށް، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުން ވެސް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތެއް ސާފު ނުވާތީ އެ މައުލޫމާތުތައް އޮޅުންފިލުވުމަށް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ބިލު ރައީސް ފޮނުވާލެއްވީ މަޖިލީހުން އެ ފާސް ކުރިތާ 15 އަށް ވީ ދުވަހެވެ. ބިލު އަނބުރާ ފޮނުވި ފަސް ސަބަބެއް ރައީސް ބަޔާން ކުރެއްވިއިރު އޭގެ ތެރޭގައި އިންތިހާބު ފަސް ކުރުމަކީ ރައްޔިތުންގެ އިންތިހާބުތަކާއި މެދު ކުރާ އިތުބާރު ގެއްލޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.
އިތުރު ބަދަލެއް ނުގެނެސް، މަޖިލީހުން އިއްޔެ ދެވަނަ ފަހަރަށް ބިލު ފާސް ކުރުމުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ ބިލު ތަސްދީގު ކުރައްވާ ގޮތަކަށް ނޫނެވެ.
މި މައްސަލައިގައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ އެންމެ ބޮޑު ނުރުހުމެއް ދެން އަމާޒުވަނީ، އީސީއަށެވެ. ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހިދާނެކަމަށް ވެސް ބުނެފައި ވަނިކޮށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވާން މިހާރު ވަނީ އަންގާފަ އެވެ.
ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވާން އެންގި ސިޓީގައި ވަނީ އިންތިހާބު ފަސް ކުރުމުގެ ބިލު ދެވަނަ ފަހަރަށް ފާސްކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި މެދު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި މަޖިލިސް ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެފައި ވަނީ ދެވަނަ ފަހަރަށް ބިލު ފާސް ކުރުމުން ރައީސް ދެން ބިލު ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށެވެ. އެ ނޫން ނަމަ ބެލެވޭނީ އެއީ ގާނޫނުއަސާސީ އާއި ހިލާފުވުންކަމަށާއި އެހިސާބުން އަޅަން ޖެހޭ ފިޔަވަޅު މަޖިލީހުން އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

