ރަމަޟާން މަސް ވެސް ގާތްވެފައި ވާއިރު، ތަކެތި ބާޒާރުގައި ހުސްވިޔަ ނުދީ ހިފެހެއްޓުމަށް ޝިޕްމަންޓުތަކެއް ގެނައުމަށް ރޭވިފައިވާކަމަށް އެސްޓީއޯއިން ބުނެފި އެވެ.،
މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯއިން މިއަދު ބުނީ ކާޑު ޝިޕްމަންޓު މިހާރު ރާއްޖެއަށް އައުމަށް ފުރާފައިވާ ކަމަށެވެ. އޭގެ ދަށުން ރާއްޖެއަށް ގެންނަ ކާޑުގެ ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި، ބިސް ހިމެނޭއިރު އެހެން ގައުމުތަކުން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯއިން ބުނެފައި ވަނީ ރޯދަ މަހު އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ބޭނުންވާ ކާބޯތަކެތި ހުސްވިޔަ ނުދީ މާކެޓު ސްޓެބަލައިޒްކޮށް ޑިމާންޑް އެންޑް ސަޕްލައިއަށް ބަލައިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން ފިޔާ، އަލުވި، އަދި ބިހުގެ ޝިޕްމަންޓު ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދިނެވެ.
އެގޮތުން އެއް ޝިޕްމަންޓު އިއްޔެ ބާޒާރަށް ނެރެފައިވާއިރު މި ބާވަތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ވިއްކަމުން ދާކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނެފައި ވަނީ މުދާ ދޫކުރާނީ ދެ ސަރަހައްދަކުންކަމަށާއި، އެއީ ހޯލްސޭލް ސެންޓްރާއި އިންޑަސްޓްރިއަލް ވިލެޖުން ކަމަށެވެ.
މީގެއިތުރުން އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެކަމަށް ފާހަގަކުރެއްވި އެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައި ވަނީ ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވެސް ގެނެވޭނެ ކަމަށެވެ.
ފިޔާ، ބިސް، އަލުވި އާންމުންނަށް ވިއްކަން ހަމަޖެހިފައިވާ އަގުތައް
| ފިޔާ | 20ރ. އަށް |
| ބިސް | 1.75ރ. އަށް |
| އަލުވި | 15ރ. އަށް |

