ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރުމުގެ ބިލު ތަސްދީގުކުރެއްވުމުން، އީސީގެ ކުއްލި ބައްދަލުވުމެއް މިރޭ!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިިއްޖެ އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކޮށް، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ދެވަނަ ފަހަރަށް ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިރޭ ތަސްދީގު ކުރައްވާފަ އެވެ.

ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ބިލު ރައީސް ފޮނުވާލެއްވީ މަޖިލީހުން އެ ފާސް ކުރިތާ 15 އަށް ވީ ދުވަހެވެ. ބިލު އަނބުރާ ފޮނުވި ފަސް ސަބަބެއް ރައީސް ބަޔާން ކުރެއްވިއިރު އޭގެ ތެރޭގައި އިންތިހާބު ފަސް ކުރުމަކީ ރައްޔިތުންގެ އިންތިހާބުތަކާއި މެދު ކުރާ އިތުބާރު ގެއްލޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.

އިތުރު ބަދަލެއް ނުގެނެސް، މަޖިލީހުން އިއްޔެ ދެވަނަ ފަހަރަށް ބިލު ފާސް ކުރުމުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ ބިލު ތަސްދީގު ކުރައްވާ ގޮތަކަށް ނޫންކަމަށް ވާހަކަ ދެކެވުނެވެ. އެއީ އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް، އިންތިހާބުގެ ވާހަކަ ދައްކަވާފައި ވާތީ އެވެ. ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިޔަށް މަޖިލިސް އިންތިހާބު ބޭއްވުމަށްކަމަށާއި، އެކަމަށް އެއްބާރުލުން ނުދިނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ރައީސް ވިދާޅުވީ ބިލު ތަސްދީގު ކުރެއްވުމާއި މެދު ބަންޑާރަ ނައިބުގެ ލަފައަށް އެދިފައިވާނެކަމަށާއި އެމަނިކުފާނު އެ ލަފާފުޅާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިހާބު ރޯދައިގެ ކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

މިރޭގެ ވަގުތެއްގައި ރައީސް ބިލު ތަސްދީގު ކުރުމާއި އެކު އީސީގެ މެމްބަރުން ބައްދަލުވުމެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުގައި ކޮމިޝަނުން ނިންމާ ގޮތެއް މިރޭ، ނުވަތަ މާއްދަމާ އިއުލާނު ކުރާނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: