ސަރުކާރުން ތަންފީޒު ނުކުރެވޭނެ އައު ވައުދުތަކެއް ވަމުންދާކަމަށް ބުނެ ފާޑުކިއުން އަމާޒުވި ނަމަވެސް، މިއީ ރައްޔިތުންނަށް މީގެކުރިން ވެސް ގެނެސްދޭނެކަމަށް ވައުދުވި ތަރައްގީތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ. އަލިފުށިއަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްތަކަށް ވަޑައިގެން ދާއިރާގެ ތަރައްގީގެ ވާހަކަ ދެއްކެވުމުން އެއީ އަނެއްކާވެސް ވާ އައު ވައުދުތަކެއްގެ ގޮތުގައި ބުނެ ފާޑުކިއުން އަމާޒުވަމުން ދާކަމަށެވެ. އެހެން ނަމަވެސް މިއީ މީގެ ކުރިން ވެސް ވެފައި ހުރި ވައުދުތައްކަމަށާއި، އެމަނިކުފާނު ހަމައެކަނި އެ ހިދުމަތްތަކުގެ ވާހަކަ ތަކުރާރު ކުރައްވަނީކަމަށް ރައީސް ވިދާޅުވި އެވެ.
މި ދަތުރުތަކުގައި ވައުދުތަކުގެ ވާހަކަތައް ދެއްކީމާ ބައެއް ބޭފުޅުން މި ވިދާޅުވަނީ، އަނެއްކާވެސް ވައުދުވަނީ އޭ.. ނޫން.. ވައުދު ކުރިން ހުރީ ވެފަ.. އަޅުގަނޑުމެން އެ ވައުދުތައް ތަކުރާރު ކުރަނީ، އެ ޔަގީންކަން ދިނުމަށްޓަކައި…
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާ ހަމައަށް ނަތީޖާ ނެރެދިނުން ކަމަށެވެ. ސަރުކާރުން ވެރިކަމަށް އައުމަށް ވި ވައުދުތަކުން ހަފްތާ 14 ގައި ހިމެނުނު ހުރިކާމެއް ފުރިހަމަ ކުރެވިފައިވާކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓުގައި މަޝްރޫއުތައް ނިންމޭވަރުގެ ކުޑަ މިންވަރެއް ހިމަނާފައިވީ ނަމަވެސް އިތުރު ގޮތްތައް މެދުވެރިކޮށް ވެސް ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ނިންމަވާނެ ކަމަށެވެ.
އަލިފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި، ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

