ނިމިދިޔަ ސަރުކާރުގައި ފެނަކަ ކުންފުނީގެ ތެރޭގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އަމަލުތަކެއް ހިންގާފައިވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އެ ކުންފުނީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ބ. ކެންދޫއަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމްޑީ މުއާޒްވަނީ ނިމިދިޔަ ސަރުކާރުގައި އަމަލުކޮށްފައިވާގޮތުގެ ސަބަބުން ފެނަކައަށް ބޮޑެތި މާލީ ދަތިތައް ކުރިމަތިވެފައިވާކަން ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަން ފެށި ފެނަކައާއި ހަވާލުވެވުނު އިރު ކުންފުނި އޮތީ 4.3 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިކަމަށެވެ. މުއާޒް ވިދާޅުވީ، ކޮންމެ މަހަކުވެސް އެ ކުންފުނިން ހަމަ އެކަނި މުސާރައިގެ ގޮތުގައިވެސް 86 މިލިއަން ހަރަދުކުރާކަމަށާއި ކުންފުންޏާއި ހަވާލުވިއިރު 8000 މުއައްޒަފުންވެސް ތިބިކަން ހިއްސާކުރެއްވިއެވެ.
މުއާޒް ވިދާޅުވީ، ހަގީގަތަަށް ބުނާ ނަމަ ކުންފުނި އޮތީ ބަނގުރޫޓުވެފައިކަމަަަަށާއި އާމްދަނީގެ ގޮތުގައި 120 މިލިއަން ލިބޭއިރު އޭގެން މުސާރައިގެ ގޮތުގައި 86 މިލިއަން ހަރަދުކުރަންޖެހޭކަމަށާއި އެހެންނަމަވެސް އޮޕަރޭޝަނަލް ކަންކަމަށްވެސް ފައިސާ ބޭނުންވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިސްވެ ދެންނެވީ ފެނަކަ ކޯޕަރޭޝަން އޮތް ހާލަތުކަމަށާއި އެ ހާލަތު މެދުވެރިވި ގޮތާއިމެދު ވިސްނާލުންވެސް މުހިންމުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުން އޮތީ ފެނަކަ ކުންފުނި ”ރޭޕުކޮށްފައި“ ކަމަށެވެ.
މުއާޒް ވިދާޅުވީ ފެނަކައިގެ ނަން ކިއުމުން އެންމެ ފުރަތަމަ ހިތަށް އަރާނެ އެއް ކަމަކީ ކޮރަޕްޝަންއަށް ވެފައިވާކަމަށާއި މުއައްޒަަފުންނަކީވެސް އެއްވެސް ބޭނުމެއް ނެތް ބައެއްގެ ގޮތުގައި ލޭބަލް ވެފައިވާކަމަަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އައިސް ތިބީ އެ ހާލަތު ބަދަލުކުރަންކަމަށާއި އެ އަމާޒު ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެނަކަ ކުންފުނީގެ 502 ޖެންސެޓު ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ބޭނުންކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ އަދަދުން 302 ޖެންސެޓު ހުރީ ޓޮޕް އޯވާ ހޯލް ނުކޮށް ބޭނުން ނުކުރެވޭ ހާލަތުގައިކަމަށާއި އެތަކެތި އެތިބީ ހަލާކުވެފައިކަމަށް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ، ކޮންމެ ރަށެއްގެ އިންޖީނުގެއަށް ގޮސް މައުލޫމާތު ސާފުކުރިނަމަވެސް ތިން ޖެންސެޓު ހުރި ނަމަ 2 ޖެންސެޓު އެއްކޮށް ހަލާކުވެފައިވާ ވާހަކަ ހިއްސާކުރާނެކަމަށާއި އެއީ މެއިންޓެނެންސް ކޮށްފައި ނެތުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި އެތަކެތީގެ މެއިންޓެނެންސްއަށް އެއްވެސް ހަރަދެއް ނުކުރާކަމަށެވެ. އޭނާ ވިދާޅުވީ އެގޮތުގެ މަތިން އަމަލުކޮށްފައިވަނީ ޖެންސެޓުތައް ގަތުމުގެ ބޭނުމުގައިކަމަށާއި ހުސްވީމަ ގެންދާ ގޮތަށް ބޮޑު ވިޔަފާރިއެއްގެ ގޮތުގައި އެ މަސައްކަތްތައް ކުރަމުން އައިސްފައިވާކަމަށް ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ފެނަކައަށް 90 ޖެންސެޓު ގަނެފައިވާކަން ހިސާބުތަކުން ފެންނަން ހުރި އިރު ރައްޔިތުންގެ ހާލަތަށް ބަދަލުތަކެއް އައިސްފައިނުވާކަމަށް އަލިއެޅުއްވިއެވެ.
މުއާޒް ވިދާޅުވީ، ކުރީގެ މެނޭޖުމަންޓުން މެއިންޓެނެންސް މަސައްކަތްތަކަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާނަމަވެސް ކޮންމެ އަހަރަކު މެއިންޓެނެންސްއާއި ސާވިސިންގެ މަސައްކަތްތަކަށް 100 މިލިއަން ރުފިޔާ އަހަރަކު ހޭދަކުރާކަން ހިސާބު ފޮތްތަކުން ދައްކާކަމަށެވެ. އޭނާ ވިދާޅުވީ، ފެނަކައިން އަހަރަކު 100 މިލިއަން މެއިންޓެނެންސްއަށް ހަރަދުކޮށްފައިވާކަން ފެންނަން ހުރިއިރު ހުރިހާ ޖެންސެޓުތަކެއް ހުރީ ހަލާކުވެފައިކަމަށެވެ.
މުއާޒްވަނީ ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ތުހުމަތުކުރެވޭ ފަދަ ބައެއް ކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ފެނަކަ ބޭނުންކޮށްގެން މުދާ އުފުލުން ޖެނަރޭޓަރުތައް އުފުލުހން ފަދަ ޓްރާންސްޕޯޓުގެ މަސައްކަތްތަކަށް 2023 ވަނަ އަހަރު އެކަނިވެސް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންމެ އަހަރަކު 100 މިލިއަން އެވަރެޖްކޮށް ޓްރާސްޕޯޓަށް ހަރަދުކޮށްފައިވާއިރު ފެނަކަ ކުންފުނީގެ ދޯންޏެއް ނޯންނަކަމަށެވެ. އަދި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ލޭންޑިންގް ކްރާފްޓެއްވެސް ނެތްކަމަށާއި ބޮޑު އަގުގައި މީހުންނަށް ވިޔަފާރި އުސޫލުން އެފަދަ ފުރުސަތުތައް ދީފައިވާކަމަށް ތުހުމަތުކުރެއްވިއެވެ.

