ރާއްޖޭގެ ދަރަނީގެ ހާލަތު އިންތިހާއަށް އިތުރުވެގެން ދިޔައީ ކުރީގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކެއްގެ ސަބަބުންކަމަށާއި، ބޮޑެތި ހަރަދުތައްކޮށް އިވެންޓުތައް ބާއްވައި ދަތުރުތައް ކުރުން މެދުކަނޑާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކަށް ކުރައްވާ ދަތުފުޅުގެ ތެރެއިން ދެކުނުގެ ރަށްތަކާއި، އުތުރު އަދި މިހާރު މެދު ރާއްޖެތެރޭގެ ދަތުރުފުޅުގައި ވެސް ރައީސް މުއިއްޒު ގެންދަވަނީ އިގްތިސާދީ ހާލަތު މިހާބޮޑު އަނދަވަޅަކަށް ވެއްޓެން ޖެހުނީ ކުރީގެ ސަރުކާރުގެ ސަބަބުންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވާރުތަވެގެން އައި ދަރަނީގެ އަދަދު 120 ބިލިއަނަށް އަރާއިރު، އޭގެ ތެރޭގައި ހިމެނޭ އެތެރޭގެ ދަރަނި އެކަނި ވެސް 09 ބިލިއަނަށް އަރާކަމަށް ރައީސް ވިދާޅުވި އެވެ.
އިންފްލޭޝަނަށް ކުރާ އަސަރުތަކަށް ބެލުމެއް ނެތި ކުރީގެ ސަރުކާރުން ފައިސާ ޗާޕު ކުރަމުން އައި ނަމަވެސް، ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ވެސް ހުއްޓި އެއްކަމަކީ އެއީކަމަށް ރައީސް ވިދާޅުވި އެވެ. ދ. މީދޫގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިތަކެއް ކުރިމަތިލާން ޖެހޭނެ ހާލަތްތަކެއް ކުރީގެ ސަރުކާރުން ކުރިމަތި ކުރުވި ކަމަށެވެ. ފައިސާ ޗާޕު ކުރުން ހުއްޓާނުލައި، އެ ސަގާފަތާއި އެއްގޮތަށް ކުރިޔަށް ދިޔަ ނަމަ ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތީސްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތަކެއް ހުރިިއިރު، ސަރުކާރުން އެތެރޭގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވެރިކަމުގެ ކުރީކޮޅު ބޮޑެތި އިވެންޓުތައް ބޭއްވުމާއި، ހަރަދުތަކޮށް ދަތުރު ވެސް ކުރަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް ދެން ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ކުންފުނިތަކުން އެގޮތަށް މިލިއަނުން ހަރަދުތައްކޮށް އިވެންޓުތައް ނުބާއްވާނެކަމަށާއި، ދަތުރުތައް ކުރުން ވެސް މެދުކަނޑާލާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ސަރުކާރުގެ މިނިސްޓްރީއަކުން ވިޔަސް… އަދި ކުންފުނިތަކުން ވެސް ބޮޑު އިވެންޓެއް ނުބާއްވާނެ.. އަޅުގަނޑުމެން ވާނެ ކުރީކޮޅު ބާއްވާފައި އެގޮތަށް… އެކަމަކު މިހާރު ވާނީ ހުއްޓާލާފައި.. މިލިއަން ހަރަދުކޮށް ދަތުރު ކުރުމާ.. މިކަހަލަ ކަންކަމެއް ނުކުރަން.. އިސްރާފު… މިކަހަލަ ކަންކަމުން ވީހާ މިންވަރަކުން ކުޑަކުރަން ނިންމައިގެން… އެހެންވީމާ މި ބަލަނީ ވީހާވެސް ހަރަދު ކުޑަކޮށްގެން، އާމްދަނީ އިތުރު ކުރުމަށް
ރައީސް ވިދާޅުވީ ބޭނުން ވަނީ އިސްރާފު ކުރާ މޭރުމަކުން ކުރެވޭ ހަރަދުތައް ކުޑަކުރަން ކަމަށެވެ. އެހެންކަމުން، ކުރިޔަށް އޮތްތަނުގައި ސަރުކާރުން ބޮޑެތި ހަރަދުތައްކޮށް އިވެންޓުތައް ނުބާއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަމާޒަކީ ހަރަދުތަށް ކުޑަކޮށްގެން، އާމްދަނީ އިތުރު ކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް މަސްވެރިކަން ހަރުދަނާ ކުރަން ފެކްޓްރީތައް އެޅުމަށް ނިންމައި ކޯލްޑް ސްޓޯރޭޖްތައް އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ވެރިކަމާއި ހަވާލުވިއިރު މަސްވެރިކަން ގޮސްފައިވާ ހާލަތަކީ، އެންމެން ދަންނަ ހަގީގަތެއްކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މުޅި ދާއިރާ އެއްކޮށް އިނދަޖެހި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާތައް ނުދީ އޮތީ ވެސް ކުރީގެ ސަރުކާރުންކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 240 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ނުދީ އޮތްކަމަށާއި، އެ ފައިސާ މިހާރު ސަރުކާރުން އެއްކޮށް ދައްކައި ނިންމާފައިވާ ކަމަށެވެ. އަދި އިތުރަށް ވެސް ފައިސާ ދައްކަމުން ގެންދާކަމުގައި ވިދާޅުވި އެވެ.

