ކޮވިޑު-19 ޖެހި ބަލީގައި ހާލު ބޮޑުވާ ހާލަތުގައި ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ހަވާލު ކުރި ވެންޓިލޭޓަރު ނުގެނައި މައްސަލައިގައި އެ ކުންންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓްރަށް ރާއްޖޭން ހުށަހެޅި މައްސަލަ ދިވެހި ސަރުކާރުން ކާމިޔާބު ކުރިނަމަވެސް އެއީ ލިބިދާނެ ފައިސާއަކަށްވުމާއި މެދު ޝައްކުކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ހަފްތާ14 ގެ ކާމިޔާބީތައް ފާހަގަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ވެންޓިލޭޓަރަށް ދައްޖަން ޖެހޭ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށް ދުބާއީގެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
މިއީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުތައް އޭގެ ހަތަރު އަހަރު ފަހުން ވެސް އަނބުރާ ނުގެނެވިވާ މައްސަލައެކެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޓްރައިބިއުނަލަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.
މައްސަލަ ހުށަހަޅައި ރާއްޖެއިން އެދިފައި ވަނީ އެގްޒެކިއުޓާސް ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އަދި ވެންޓިލޭޓަރުތައް ގެނެސްދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ބަދަލަށް ވާ ޖުމްލަ 32 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ނަގައިދޭން އެދޭ ކަމަށެވެ.
މިއީ ލިބިިދާނެ ފައިސާއެއް ތޯއާއި، ދުބާއީގެ ކުންފުނީގެ ސައްހަކަމާއި މެދު ވެސް ސުވާލު އުފެދޭކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދެކޮޅަށް ވެސް ފައިސާ ދެއްކީ ދިވެހި ދައުލަތުން ކަމަށެވެ. އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، އުޝާމް ވިދާޅުވި ގޮތުގައި ދުބާއީގެ ކޯޓުތައް މެދުވެރިކޮށް ވެސް ފައިސާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، މިއީ ލިބުމަށް ވުރެ، ނުލިބުން ގާތް އަދަދެއްކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރުގައި ވަރަށް އަންލައިކްލީ، އެހެން ނަމަވެސް އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނަން..
2021، މޭއި 2 އިން ފެށިގެން އެ ކުންފުނިން ފައިސާ ދެއްކުމުގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދެއްކުމަށް އާބިރޭޝަނުން ދުބާއީގެ ކުންފުންޏަށް އެންގި އެވެ.
މި މައްސަލަ ކުރިޔަށް ގެންގޮސްފައި ވަނީ ދުބާއީގެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ. އަދި ކުންފުނި މައްސަލަ ކުރިޔަށް ގެންދިޔައިރު ހާޒިރުވެފައި ނުވާއިރު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިޔަށް ދިއުމުން އެ ފައިސާ ދައްކާފައި ވަނީ ރާއްޖޭކްކަމަށްވުމާއި އެކު އެ އަދަދު ނަގައިދޭން ވެސް ރާއްޖޭން ހުށަހަޅާފައި ވެއެވެ.
އެކަމަށް އާބިޓްރޭޝަނުގެ ނިންމުމުގައި ވަނީ ފައިސާ ދެއްކުމާއި ހަމައަށް އިންޓްރެސްޓު ރޭޓަކަށް ދެ އިންސައްތަ ހިމަނައި 132،856 ޑޮލަރު ދެއްކުމަށެވެ.
މިއާއި އެކު އާމިޓްރޭޝަނުގެ އެންގުމުގައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ޖުމްލަ 34.64 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

